ކުޅިވަރު

އަނެއްކާވެސް ބެލޮންޑިއޯ ހޯދައި ރޮނާލްޑޯ، މެސީއާ އެއްހަމަކޮށްފި

ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން ކޮންމެ އަހަރަކު ހޮވަމުން އަންނަ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އިނާމު "ބެލޮންޑިއޯ" ޕޯޗުގަލްގެ ކެޕްޓަން އަދި ސްޕޭންގެ ރިއާލް މެޑްރިޑްގެ ސްޓާ ޕްލެޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަސް ވަނަ ފަހަރަށް އުފުލާލައިފިއެވެ.

މި އެވޯޑާއެކު ރޮނާލްޑޯ ވަނީ ލައޮނަލް މެސީއާ އެއްހަމައަކަށް އެވޯޑް ހޯދާފައެވެ. މެސީ ވެސް ވަނީ މި އެވޯޑް ފަސް ފަހަރު އުފުލާލާފައެވެ. މިއީ ޖެހިޖެހިގެން ރޮނާލްޑޯ މި އެވޯޑް އުފުލާލި ދެވަނަ ފަހަރެެވެ. މި އެވޯޑާއެކު ރޮނާލްޑޯ ވެސް ވެގެންދާނީ މި އެވޯޑް އެންމެ ގިނަ ފަހަރު ހޯދި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށެވެ.

މި އަހަރުގެ ބެލޮންޑިއޯ މިއަހަރު އިއުލާން ކުރީ ފްރާންސްގެ އެއިފިލް ޓަވާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބެލޮންޑިއޯގައި މިއަހަރު ރޮނާލްޑޯއާ ވާދަކުރީ މެސީގެ އިތުރުން މިހާރު ބްރެޒިލް ގައުމީ ޓީމުގައި އަދި ފްރާންސްގެ ޕީއެސްޖީގެ ސްޓާ ޕްލެއާ ކަމުގައިވާ ނޭމާއެވެ. ބެލޮންޑިއޯގެ ދެވަނަ މިފަހަރު ހޯދީ މެސީއެވެ. އަދި ތިންވަނަ ލިބިފައިވަނީ ނޭމާއަށެވެ. ދެހާސްފަނަރަ ވަނަ އަހަރުގައި ވެސް ބެލޮންޑިއޯ އަށް ނޮމިނޭޓްވެފައިވަނީ މި ތިން ކުޅުންތެރިންނެވެ. އެއަހަރު މި އެވޯޑް ހޯދީ މެސީއެވެ. މިދިޔަ އަހަރު ރޮނާލްޑޯއާއި މެސީއާ ވާދަކުރީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އެންޓޯނީ ގްރީޒްމަން އެވެ.

ފީފާއިން ހޮވާ ފީފާގެ އެންމެ މޮޅު ކުޅުންތެރިއާ "ދަ ބެސްޓް" އެވާޑްވެސް ވޭތުވެދިޔަ ދެއަހަރުވެސް ހޯދީ ރޮނާލްޑޯއެވެ. ފީފާގެ ދަ ބެސްޓްގައި ވެސް ރޮނާލްޑޯއާއި ވާދަކޮށްފައިވަނި މެސީ އާއި ނޭމާއެވެ.

ރޮނާލްޑޯ ވަނީ ވޭތުވެދިޔަ ސީޒަންގައި 42 ގޯލް ޖަހާފައެވެ. ރެއާލް މެޑްރިޑްއަށް ވޭތިވެދިޔަ ސީޒަންގައި ލަލީގާ އާއި ޗެމްޕިއަންސް ލީގް ގެ ޗެމްޕިއަންކަން ލިބުމުގައި ރޮނާލްޑޯގެ ދައުރު ވަރަށްވެސް ބޮޑެވެ. އެގޮތުން އޭނާގެ ފަރާތުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޖުވެންޓަސް ދެކޮޅަށް ދެއްކި މޮޅު ކުޅުން ފާހަގަކޮށްލެވުނެވެ.