ވިޔަފާރި

މަނީ އެކްސްޗޭންޖަރުންގެ ފީ އަންނަ މަހުގެ ނިޔަލަށް ދައްކަން ޖެހޭ

Dec 25, 2017
1

ފައިސާ ގަނެ ވިއްކާ (މަނީ އެކްސްޗޭންޖަރުން) ގެ ފަރާތްތަކުން އަހަރުގެ ފީ، އަންނަ މަހުގެ ނިޔަލަށް ދައްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާން ކޮށްދީފި އެވެ.

އެމްއެމްއޭ އިން ބުނީ މާޗު 1، 1987 ގައި އިއުލާން ކުރެވިފައިވާ "މަނިޓަރީ ޤަވާއިދު" ގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަންގަވާފައިވާ ފަރާތްތަކުން 2018 ވަނަ އަހަރަށް ދައްކަންޖެހޭ ލައިސަންސް ފީ 31 ޖެނުއަރީ 2018 ގެ ކުރިން ދައްކަން ޖެހޭ ކަމަށެވެ.

މަނިޓަރީ ގަވާއިދު ގައިވާ ގޮތުން، މަނީ އެކްސްޗޭންޖަރުންގެ ލައިސަންސް ފީގެ ގޮތުގައި އަހަރަކު ދައްކަން ޖެހެނީ 1200 ރުފިޔާ އެވެ.

މި ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތި، ބޭރު ފައިސާ ގަނެ ވިއްކުމާއި ފައިސާ ގަނެ ވިއްކާ ކަމަށް ދެއްކުމަކީ މަނާ ކަމެކެވެ. އަދި މި ގަވާއިދާ ހިލާފުވެއްޖެނަމަ 2،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަކަށް ޖޫރިމަނާ ކުރާނެ އެވެ. ނުވަތަ 2،000ރ. އާއި އެ ކުށެއްގައި ހިމެނޭ ފައިސާ އަދަދުގެ ފަސް ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.