ސިއްހަތު

ދަރިންގެ ލޯ ރައްކާތެރިކުރަން ކުރަންވީ ކޮންކަމެއް؟

މިޒަމާނުގެ ކުދިން ހައްދެއް ނެތް ވަރަށް ވަގުތު ހޭދަކުރަނީ ކޮމްޕިއުޓަރުތަކާއި ޓެބްތަކާއި ސްމާޓް ފޯނުތަކުގެ ސްކްރީނަށް ބެލުމުގައެވެ. ނަމަވެސް އެކަމުގެ ސަބަބުން ލޮލަށް ކުރާ އަސަރާ ބެހޭ ގޮތުން އަދި ރަނގަޅު ދިރާސާތަކެއް އަދި ނުކުރެއެވެ.

ސްމާޓްފޯނުތަކުގެ ފެށުން ކަމަށް ބެލެވޭ އައިފޯނު ، އެޕަލް ކުންފުނިން ފުރަތަމަ ތައާރަފް ކުރީ 2007 ވަނަ އަހަރުއެވެ.

ސްކްރީން ތަކުން ލޮލަށް ކުރާ އަސަރު ދިރާސާ ކުރެވިފަައި ނެތަސް، " ޝޯޓް ސައިޓެޑް( ސާފުކޮށް ދުރު ނުފެންނަ) ކުދިންނާއި މީހުން މިހާރު އިތުރުވެފައިވާކަން ވަނީ ފާހަގަވެފައެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް ކަަމަށް ކަމާ ބެހޭ މާހިރުން ދެކެނީ ގިނައިން ގެއިން ބޭރަށް ނެރުމެވެ.

ދުރު ނުސާފުވުންް ދަނީ އިތުރުވަމުން

" ޝޯޓް ސައިޓެޑްނަސް" ނުވަތަ މަޔޯޕިއާ ދަނީ މުޅި ދުނިޔޭގައި ވެސް އިތުރުވަމުންނެވެ.

" އަހަރެމެންނަށް އިނގޭ ޝޯޓް ސައިޓެޑްނަސް ނުވަތަ މަޔޯޕިއާ ދަނީ އިތުރުވަމުންކަން" ލަންޑަނުގެ ކިންގްސް ކޮލެޖްގައި ޕްރޮފެސަރް އޮފް އޮޕްތަލްމޮލޮޖީ އަދި ސެއިންޓް ތޯމަސް ހޮސްޕިޓަލުގައި ކޮންސަލްޓެންޓް އޮޕްތަލްމިކް ސާޖަން އެއްގެ މަަގާމު އަދާ ކުރައްވާ ކްރިސް ހެމޮންޑް ބީބސީއަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އިރުމަތީ އޭޝިއާގައި އެކަން މިހާރު ވަބާއެއް ވަރަށް ފެތުރިފައިވާ ކަމަށެވެ. އެގޮތުން ސިންގަޕޫރާއި ޓައިވާނާއި ދެކުނުކޮރެއާގެ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 90 ޕަސެންޓް ކުދިންނަށް އެމައްސަލަ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

" ޔޫރަޕްގައި އުމުރުން 20 ގެ އަހަރުތަކުގައިވާ ޒުވާނުންގެ 40 ނުވަތަ 50 ޕަސެންޓަށް މިހާރު ވަނީ ޝޯޓް ސައިޓެޑްނަސްގެ މައްސަލަ ކުރިމަތިވެފައި. އެކަން އަހަރަކުން އަހަރަކުން އަންނަނީ އިތުރުވަމުން. ހުޅަނގު ޔޫރަޕްގައި 20 ވަނަ ގަރުނުގައި އެކަން އޮތީ 20 ޕަސެންޓާ 30 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި،" ކްރިސް ހެމޮންޑް ވިދާޅުވެފައި ވެއެވެ.

މިކަން އިތުރުވަނީ ކީއްވެ؟

ލަންޑަނުގެ މޫފީލްޑްސް އައި ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އޮޕްތަލްމޮލޮޖިސްޓް އަނެގްރެޓް ދަލްމާން ނޫރު ވިދާޅުވަނީ އެކަމުގެ ސަބަބަކީ ގުދުރަތީ އަލިކަން ފެންނަލެއް މަދުވުން ކަމަށެވެ.

" މައިގަނޑު ސަބަބެއް ކަމަށް ބެލެެވެނީ އިރުގެ އައްޔަށް ނުކުންނަލެއް މަދުވުން. އެހެނީ ގިނައިން ކިޔަވާ ކުދިންނާއި ކޮމްޕިއުޓަރާއި ޓެބްލެޓްތަކާއި ސްމާޓްފޯނުތައް ގިނައިން ބޭނުން ކުރާ ކުދިންނަށް އިރުގެ އައްޔަށް ނުކުންނަށް ފުރުސަތު ލިބެނީ ވަރަށް މަދުން. ޝޯޓް ސައިޓެޑްވާން މެދުވެރިވަނީ މިހެންވެ ކަމަށް ފެންނަނީ،" އޭނާ ވިދާޅުވެފައި ވެއެވެ.

ހެމޮންޑް ވިދާޅުވަނީ އިރުމަތީ އޭޝިއާގައި އެމައްސަލަ ކުރިމަތިވާ ގިނަ ކުދިންނަކީ ހިސާބަށް މޮޅު ކުދިންނަށް ވުމަކީ އިއްތިފާގަކަށް ނުވެދާނެ ކަމަށެވެ.

" ވަރަށް ޅައުމުރުން ފެށިގެން ކިޔެވުމަށް އިތުރަށް މަސައްކަތް ކުރަން ބާރު އަޅާފައިވާ މި ކުދިންނަށް ގެއިން ބޭރުގައި އުޅެލަން ލިބެނީ ވަރަށް މަދު ވަގުތުކޮޅެއް،" އޭނާ ވިދާޅުވެފައި ވެއެވެ.

ސްކްރީންއަށް ބަލާވަރު މަދުކުރަންވީ؟

އެއީ ބުނެލަން ފަސޭހަ އެކަމަކު ކުރަން އުނދަގޫ ކަމެކެވެ. އަހަރެމެންގެ ދަރިން ފޯނާއި ޓެބްލެޓަށް ލޯބިކުރާ ވަރު އެންމެނަށް ވެސް އިނގެއެވެ. އެކުދިން އަތުން އެތަކެތި ވަކިކޮށްލުމަކީ ބައެއް ފަހަރު ހަޅޭއް ލަވައިގެންް ނޫނީ ނުވާވަރު ކަމަކަށް އޮންނަނީ ވެފައެވެ.

ތިން ކުދިންގެ މަންމަ އެއް ކަމަށްވާ ޕްރޮފެސަރް ދަލްމާން ނޫރު ވިދާޅުވާ ގޮތުގައި ސްކޫލުން ދޭ މަސައްކަތްތައް ވެސް ކޮމްޕިއުޓަރުން ކުރަން ޖެހޭތީ ކުދިން އެތަކެއްޗާ ދުރުކުރުން ވަނީ އިތުރަށް އުނދަގޫ ކަމަކަށް ވެފައެވެ.

" ތިޔައީ ފުރާވަރުގެ ކުއްޖަކަށް ވެފައި ޖީސީއެސްސީ ނުވަތަ އޭ ލެވެލް އިމްތިހާނަށް ތައްޔާރުވަންޏާ ، (ކޮމްޕިއުޓަރު) ނިއްވައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ، " އޭނާ ވިދާޅުވެފައި ވެއެވެ.

ހައްލަކީ ގެއިން ބޭރުގައި އުޅޭ ވަގުތު އިތުރުކޮށްލުން

މާހިރުން ވިދާޅުވަނީ ކުދިންގެ ލޮލުގެ ސިއްހަތު ސަމަލާމަތް ކުރުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ގެއިން ބޭރުގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއަށް އެކުދިން ވެއްދުން ކަމަށެވެ.

" މަޔޯޕިއާ އިން ސަލާމަތް ކުރުމަށް ކުރަންވީ ކަމަކީ ގެއިންް ބޭރުގައި ވަގުތު ހޭދަކުރުން. ކުޅިވަރު ކުޅޭށައި ހިތްހަމަ ޖައްސައިލުމަށް ގެއިން ބޭރަށް ގެންދިއުމަކީ ލޮލަށް ލިބޭނެ ރައްކާތެރި ކަމެއް،" ޕްރޮފެސަރް ހެމޮންޑް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވާ ގޮތުގައި ގެއިން ބޭރުގައި އުޅަން ކުދިންނަށް ދުވާލަކު ދެގަޑި އިރު ދޭ ނަމަވެސް ޝޯޓް ސައިޓެޑްނަސް އިން ސަލާމަތްވާނެއެވެ. -- ބީީބީސީ