ހަބަރު

ގދ، އާއި އައްޑޫއަށް މޫސުން ގޯސްވެ، ސަމާލުވާން އަންގައިފި

Dec 30, 2017

އައްޑު އަތޮޅާއި ހުވަދު އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ ނެޝަނަލް މީޓޮރޮލޮޖިކަލް ސެންޓަރުން ވަނީ މިރޭ 10:20 އާއި 1:20 އާއި ދެމެދު އެ ދެ އަތޮޅަށް ވަރަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ. ބާރަށް ގުގުރާނެ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.

މެޓުން ބުނީ، އިރުއުތުރާއި އިރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވާޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 30 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި ވެއެވެ.

މެޓުން ބުނީ، ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

މިހާރު ރާއްޖެ އަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ދަނީ ފެންބޮޑުވެ ގެއްލުންތައް ވަމުންނެވެ.