ކުޅިވަރު

ބުރަ ސީޒަނަކަށްފަހު ޓީސީ އަލުން މަސައްކަތަށް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނިމުނީ، މިދިޔަ މަހު 15 ގައެވެ. ގާތްގަނޑަކަށް 19 ދުވަހު ޗުއްޓިއެއް ހޭދަ ކުރުމަށްފަހު، ޓީސީ ސްޕޯޓްސް ކުލަބު، މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓްރެއިނިން ފަށައިފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު، ހަ ވަނަ ދުވަހު އެވެ. ނަމަވެސް އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ޓީސީން ވާދަ ކުރާނެ އެވެ. ޕްރިލިމިނަރީ ބުރުގައި އެ ޓީމުން ވާދަ ކުރާނީ ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ފުރަތަމަ ލެގް މެޗު އޮންނާނީ މި މަހު 23 ވަނަ ދުވަހު، ބަންގުލަދޭޝްގައެވެ. ދެ ވަނަ ލެގް މެޗު އޮންނާނީ 30 ވަނަ ދުވަހު މާލޭގަ އެވެ.

މިދިޔަ ސީޒަންވީ ޓީމުތަކަށް ބަރު ސީޒަނަކަށެވެ. ހާއްސަކޮށް ޓީސީއަށް މިދިޔަ ސީޒަންގައި ދިޔައީ ބުރު ކޮށެވެ. މިދިޔަ އަހަރު ކުރީ ކޮޅު ބަންގުލަދޭޝްގައި އޮތް ޝައިހް ކަމާލް ކުލަބު މުބާރާތުގައި ވާދަ ކުރަން ފުރުސަތު ލިބުމުން އެހެން ކުލަބުތަކަށް ވުރެ އަވަހަށް ޓީސީއަށް ސީޒަން ފެށުނެވެ. އަދި މިދިޔަ ސީޒަނަކީ، ބްރޭކް ގިނަ ސީޒަނެކެކެވެ. މާލޭގައި ފެތުރުނު އޫރު ރޯގާ އާ ގުޅިގެން، ފުޓްބޯޅަ ސީޒަން މެދު ކަނޑާލި އެވެ. ނިޒާމް ބުނީ މާލޭ ލީގްގައި އެ ޓީމަށް އުނދަގޫތަކާ، ކުރިމަތިވީވެސް، ކުރިން އަންނަ ހަމަޖެހިފައި ނެތް ބްރޭކެއް އައުމުން ކަމަށެވެ.

ނިޒާމް ބުނީ، ކުޅުންތެރިންނަށް އަރާމު ކުރަން ލިބޭނީ ގާތްގަނޑަކަށް 15 ވަރަކަށް ދުވަސް ކަމަށެވެ. މިދިޔަ މަހު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގައި ވެސް ވާދަ ނުކުރަން ޓީސީ ނިންމީވެސް، ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ކަމަށް ނިޒާމް ވަނީ ކުރިން ބުނެފަ އެވެ. ސީޒަން ނިމުނުތާ 20 ދުވަސް ފަހުން ޓީސީ މިވަނީ އަލުން މަސައްކަތް ފަށާފަ އެވެ.

"ކުޅުންތެރިންނަށް އަރާމު ކޮށްލަން ލިބޭނީ ގާތްގަނޑަކަށް 15 ދުވަސް، ކުޅުންތެރިން ވަރަށް ރަނގަޅަށް އެކަމަށް ވިސްނައިގެން ޗުއްޓި ހޭދަ ކުރި، އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު، ކުޅުންތެރިންގެ ފަރާތުން ލޮޑު ކަމެއް ނުފެނޭ، އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ނިޒާމް ބުންޏެވެ.

އޭނާ ބުނީ، މިއަހަރު އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ވާދަ ކުރަން ޖެހުމުން، މިއަހަރަށް ޕްލޭން ކުރި ޕްރީ ސީޒަން ޕްރޮގްރާމް މި އަހަރު ނުބޭއްވޭނެ ކަމަށެވެ.

"ޓީސީއަކީ ދެ ވަނަ ޑިވިޝަނުން ފެށިގެން މަދުވެގެން ހަ ހަފުތާގެ މުއްދަތަށް ޕްރީ ސީޒަން ކުރިއަށް ގެންދާ ޓީމެއް، ނަމަވެސް މިއަހަރު ޕްރިލިމިނަރީ ބުރު އޮތީމަ ޕްރީ ސީޒަން ޕްރޮގްރާމެއް ނުބޭއްވޭނެ."

މިއަހަރަށް ޓީސީން، އެންމެ ފުރަތަމަ އިސްކަން ދިނީ، އެ ޓީމުގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމަށެވެ. ޓީމު ދޫކޮށް ދިޔައީ، ފޯވަޑް ނާއިޒް ހަސަން (ދާދު) އެވެ. އޭނާ ބަދަލުވީ މާޒިޔާ އަށެވެ. އޭނާގެ ބަދަލުގައި ފޯވަޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން. މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ށ. މިލަންދޫ އަށް ކުޅުނު އިޝާން އިބްރާހިމް (ސައްޓު) ލައްވައި ސޮއި ކުރުވި އެވެ.