ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކުލަބުން، ލީގް ތާވަލުގެ ފަސް ވަނައަށް ޖެހިލައިފި އެވެ.
ޔުނައިޓެޑް ވިކްޓަރީ މެޗުން ބަލިވުމުން، އެ ޓީމު މޮޅެ ނުލިބި ދިޔަ މުއްދަތު ވަނީ ދިގުލާފަ އެވެ. މެޗަކުން އެ ޓީމު މޮޅު ނުވާތާ 636 ދުވަސް ވީ އެވެ. ލީގްގައި 11 މެޗު ކުޅުނު އިރުވެސް ޔޫވީއަށް އަދި އެއްވެސް މެޗަކުން މޮޅު ވެވިފައެއް ނުވެ އެވެ. ތާވަލުގެ ފުލުގައި އެ ޓީމު އޮތީ ކުރިން ތިން މެޗަކުން އެއްވަރުވެ ލިބުނު ތިން ޕޮއިންޓާއެކު އެވެ.
އެ ޓީމުން އެންމެ ފަހުން މެޗަކުން މޮޅުވީ 2018-19 ޕްރިމިއާ ލީގްގައި ފ ނިލަންދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ޖުލައި ފަހެއް 2019 ގައި ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2019 ގައި ވިކްޓަރީ އަތުން ދެ ލަނޑާއެކު ޔޫވީއަށް ތިން ޕޮއިންޓް ލިބުނީ އެ މެޗަށް ވިކްޓަރީ ހާޒިރު ނުވުމުންނެވެ.
މިއަދުގެ މެޗުގައި ޓީސީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކެޕްޓަން މުހައްމަދު އައްޒާމް އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 32 ވަނަ މިނެޓްގަ އެވެ. އޭނާގެ އެ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ކުރިންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އޭނާއަށް ލިބުނެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވަލި ބޯޅަ ދިޔައީ ގޯލް ދަނޑިިއާ ފޫޓެއްހައި ދުރުން ބޭރަށެވެ.
ދެ ވަނަ ހާފުގައި އޭނާ ދެ ވަނަ ލަނޑު ޖެހީ ހުސްކޮށް ލިބުނު ފުރުސަތުގައި އަރައި ޔޫވީގެ ކީޕަރު ނާޖިހްގެ ފައިގެ ދަށުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެންޗން މޮޅުވެ ޓީސީ ވަނީ 12 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ކުރިން ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވަނީ ގަދަ ހަ ވަނައަށް ވެއްޓިފަ އެވެ. ސަސްއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.