ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގްގައި ނުވަ މެޗަށް ފަހު ޔުނައިޓަޑް ވިކްޓަރީން ފުރަތަމަ މޮޅު ހޯދައި، ލީގްގެ ދެ ވަނަ ބުރު ނިންމާލައިފި އެވެ.
މި އަދުގެ މެޗުގެ ކުރިން ޔުނައިޓަޑް ވިކްޓަރީން އެންމެ ފަހުން މޮޅެއް ހޯދާފައި ވަނީ ފުރަތަމަ ބުރުގައި، ފ. ނިލަންދު އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ވެސް ކާމިޔާބު ކުރީ 4-2 ންނެވެ. އެ މެޗުން ފެށިގެން މިއަދުގެ މެޗާ ހަމައަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިއިރު ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އެހެންނަމަވެސް ދެ ވަނަ ބުރުގައި މެޗެއް ނުކުޅެ އެ ޓީމުން ވަނީ މޮޅެއް ހޯދާފަ އެވެ. އެއީ ދެ ވަނަ ބުރުގައި ވިކްޓަރީ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީ ހާޒިރު ނުވުމުންނެވެ. ވިކްޓަރީ އާ ދެކޮޅަށް ކުޅެން އޮތް އެ މެޗުވީ، ޔޫވީގެ ކުރީގެ ކޯޗް މުހައްމަދު ނަޒީހް އެ ޓީމުގައި މަސައްކަތް ކުރި އެންމެ ފަހު ދުވަހަށެވެ.
މިއަދުގެ މެޗުވީ، މިހާރުގެ ކޯޗް މުހައްމަދު އާދަމް، ރާއްޖޭގެ އެންމެ މަތީ ލީގްގައި ހޯދި ފުރަތަމަ މޮޅަށެވެ. ލީގް ފެށިއިރު އޭނާ ހުރީ ވިކްޓަރީ ކޯޗު ކަމުގަ އެވެ. ވިކްޓަރީގެ މެނޭޖުމެންޓުން އެއްބާރު ލުން ނުލިބުމުން އޭނާ ވަނީ، ވަކި ހިސާބަކުން ޓީމުން އިސްތިއުފާ ދީފަ އެވެ. ޔުނައިޓަޑް ވިކްޓަރީގެ ކޯޗް ކަމާ އޭނާ ހަވާލުވެ، ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ވީ ބައްޔެވެ. އަދި ދެ މެޗު އެއްވަރުކޮށް އެއް މެޗުން މޮޅުވީ އެވެ.
ކުރިން ކުޅުނު ހަތަރު މެޗާ ހިލާފަށް މިއަދުގެ މެޗުގައި ޔޫވީން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ދެ ލަނޑުގެ ލީޑަކުން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ހައިސަމް އެވެ. ދެ ވަަނަ ލަނޑު 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ހަމްދާން އެވެ.
ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓްގައި އިސްމާއީލް ޝަފީއު (އިއްސެ) ވަނީ އޭނާ ޖެނަރަލް ސެކެޓްރީކަން ކުރާ ޓީމަށް ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ.
ދަށްކޮށް ފެށުނު ޓީސީއަށް މެޗުގެ ތެރެއަށް ވަދެވުނީ މެޗުގެ ފަހު 25 ވަނަ މިނެޓްގަ އެވެ. މެޗުގެ 71 ވަނަ މިނެޓްގައ އެ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔޫވީގެ ހަތަރު ވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ހައިސަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.
މެޗުގެ 88 ވަނަ މިނެޓްގައި އަކްރަމް އަބްދުލް ގަނީ، ނެގި ކޯނަރަކުން އިސްމާއީލް އީސާ ޓީސީގެ ދެ ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ފަހުންވެސް ލަނޑު ޖަހާނެ ފުރުސަތެއް ޓީސީއަށް ލިބުނެވެ. ޔޫވީގެ އޭރިއާ ބޭރުން އެ ޓީމުގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލީ ޔޫވީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ކުރިއަށް ނުކުމެ ހުރުމުންނެވެ. ނަމަވެސް ޓީސިގެ ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.