ޔުނައިޓެޑް ވިކްޓަރީން މެޗުން މޮޅުވާން ދަނިކޮށް، މެޗުގެ އެންމެ ފަހު މިނެޓްގައި ޓީސީން ލަނޑު ޖަހައި 1-1 ން މެޗު އެއްވަރު ކޮށްފި އެވެ.
މެޗުގައި ދެ ޓީމުވެސް ލަނޑު ޖެހީ ސެޓްޕީސްތަކުން، ތަނަވަސް ކުރި ފުރުސަތު ތަކުންނެވެ. މެޗުގައި ޔޫވީން ލީޑް ނެގީ ދެ ވަނަ ހާފުގެ ކުރީ ކޮޅު ލިބުނު ހިލޭ ޖެހުމުން ތަނަވަސް ވި ބޯޅަ، އެ ޓީމުގެ ކިރިގިސތާންގެ ފޯވަޑް މައްރަތު އަޒްނިޒާވް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ޓީސީގެ އޭރިއާގެ ބޭރުން އޭރިއާގެ ކަނާ ދިމާލުން ލިބުނު ހިލޭ ޖެހުން އިސްމާއީލް އީސާ ފޮނުވާލީ ގޯލަށް އަމާޒު ކޮށެވެ. އެ ބޯޅައިގައި މައްރަތު ބޮލުން ކޮއްޕާލައި ބޯޅައިގެ މިސްރާބު ޓީސީގެ ކީޕަރު މަމަޑޯވް އާޒާދުއަށް އޯލުވާލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.
ލަނޑަށް ފަހު ޔޫވީން މަސައްކަތް ކުރީ. ފަހަތަށް ޖެހި ނަތީޖާ އަމިއްލަ ޓީމު ކޮޅުގައި ހިފެހެއްޓުމަށެވެ. ނަމަވެސް ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ އާދިލް އަބްދު ރަހްމާން އަދި ޔާސީން ފިރާގް އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު އާދަމް ބުނީ ޓީމުގެ ދެ ޑިފެންޑަރުން އަނިޔަ ވުމަކީ ނަތީޖާ އަމިއްލަ ކޮޅުގައި ނުހިފެހެއްޓުނު އެއް ސަބަބު ކަމަށެވެ. އަދި މުހައްމަދު ނިޒާމް އަށް ވެސް އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ކަމުގެ ކަންބޮޑުވުން މުހައްމަު އާދަމް ފާޅު ކުރި އެވެ.
ޓީސީގެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ، މުހައްމަދު އަޖުފާން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ. އަބްދުލް ވާހިދު އިބްރާހިމް (ވާޑް) އޭރިއާގެ ތެރެއަށް ނަގައިދިން ހިލޭ ޖެހުން އަޖުފާން ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ، މެޗަށް ނުކުތީ ތިން ޕޮއިންޓްގެ އަމާޒުގައި ކަމަށެވެ. އެހެންނަމަވެސް މެޗުގެ ފަހު ކޮޅުގައި ކުޅުންތެރިން ދެއްކި ކުޅުމާއެކު ޕޮއިންޓެއް ހޯދުމަކީވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ޝާޒް ބުންޏެވެ.