ޓީސީ

ނިޒާމްގެ "މީޑިއާ ޓެކްޓިކްސް" ވެސް ބަދަލު ކޮށްފި

ޓީސީގެ އާ ކޯޗް މުހައްމަދު ނިޒާމަކީ ފުޓްބޯޅައިގައި ޓެކްޓިކަލީ މުއްސަނދި ކޯޗެކެވެ. އެއް މެޗެއްގައި ވެސް ތަފާތު ގޮތްގޮތަށް ޓީމު ޓެކްޓިކްސް ބަދަލު ކޮށްލައިގެން ނަތީޖާ ނެރުމުގެ ފުން ވިސްނުމެއް އޭނާގެ ކިބައިގައި ހުރެ އެވެ. ތަޖުރިބާކާރު ކޯޗް މިފަހަރު ބަދަލު ކޮށްލީ ދަނޑު މަތީގައި ޓީމު އަތުރާލާ ގޮތުގެ ޓެކްޓިކްސްއެއް ނޫނެވެ. އޭނާގެ މީޑިއާ ޓެކްޓިކްސް ބަދަލު ކޮށްފި އެވެ.

މީޑިއާއަށް ފަރިތަ ކޯޗް، އިއްޔެ އޮތް ޕްރީ މެޗް ޕްރެސްގައި މީޑިއާއިން ކުރިމަތި ކުރި ގިނަ ސުވާލުތަކަށް ޖަވާބެއް ނުދެ އެވެ.

"ވަކިން (އެހެން ފަހަރެއްގައި) ތި ސުވާލުތަކަށް ކުރިއްޔާ މާ ރަނގަޅު،" ޓީސީއާ އޭނާ އާ އޮތްގުޅުމަށް އިޝާރާތްކޮށް ސުވާލު ކުރުމުން ނިޒާމް ވާހަކަ ދެއްކި އެވެ. "މި ވަގުތު މާދަމާ [މިއަދު] ގެ މެޗާ ގުޅޭ ގޮތުން ސުވާލު ކުރިއްޔާ ރަނގަޅު."

މީގެ ކުރިން ޕްރީ އަދި ޕޯސްޓް މެޗު ޕްރެސްތަކުގައި ވެސް، މެޗާ ނުގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް ނިޒާމް ޖަވާބު ދީފައި ވެއެވެ. ޕްރީ އަދި ޕޯސްޓް މެޗު ޕްރެސްތަކުގައި މެޗާ ނުގުޅުނަސް ފުޓްބޯޅަ އާ ގުޅުން ހުރި ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރެވުމުން، އެކަމަށް ޖަވާބު ދިނުމަކީ ކުރިން އޭނާ ގެންގުޅުނު އާދަ އެކެވެ. މި ސީޒަންގައި ފުރަތަމަ އޭނާ މަސައްކަތް ކުރި ކުލަބު، މާޒިޔާގެ ކޯޗް ކަމުގައި ހުރި އިރު ވެސް ޕްރީ މެޗު ޕްރެސްތަކުގައި ވެސް ފުޓްބޯޅަ އާ ގުޅުން ހުރި ސުވާލުތައް ކުރުމުން ޖަވާބު ދީފައި ވެއެވެ.

ޓީސީގެ ކުރީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އެ ކުލަބުގަައި ކޮށްފައިވާ މަސައްކަތްތަކާ ބެހޭގޮތުން އަދި ނިޒާމް ޓީސީގައި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުން ފެށި މަސައްކަތާއި މިހާރު އޮތް ޓީސީގެ ޓީމާ އެއްގޮތް ކަންތައްތަކެއް ހުރިތޯ ސުވާލު ކުރުމުންވެސް ނިޒާމް އެދުނީ މެޗާ ގުޅޭ ގޮތުން އެކަނި ސުވާލު ކުރުމަށެވެ.

ޓީސީގެ ކޯޗް ކަމަށް އެނބުރި އާދެވުމުން ލިބޭ ހިތްހަމަޖެހުމާ ބެހޭގޮތުން ސުވާލު ކުރުމުން ނިޒާމް ބުނީ، ކޮންމެ ކުލަބެއްގެ ބެންޗުގައި ހުރި ނަމަވެސް އެކަމާ އުފާ ކުރުމުގެ ބަދަލުގައި އަބަދުވެސް ހަނދާން ވަނީ އެ ކުލަބެއްގައި ކުރަން އޮންނަ މަސައްކަތްތަކަށާއި ކޯޗެއްގެ ގޮތުގައި އަދާ ކުރަން ޖެހޭ ޒިންމާ އާ މެދުގައި ކަމަށެވެ. އެހެންނަމަވެސް ޓީސީން އޭނާ އަށް މަގާމު ހުށަހެޅުމުން ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށް އެ ކުލަބަށް ކުރިން ކާމިޔާބު ހޯދައި ދީފައިވާ ކޯޗް ބުންޏެވެ.

މިއަދު ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ނިޒާމް ބުނީ، ވެލެންސިއާގައި އޮތް ވަރުގަދަ ސްކޮޑަށާއި އެ ޓީމުގެ ކުޅުންތެރިންނަށް އޭނާގެ ޓީމުން އިހްތިރާމް އެބައޮތް ކަމަށެވެ. އެހެންނަމަވެސް ޓީސީގެ ކުޅުންތެރިގެ މިހާރު އޮތް މަސައްކަތުގެ ރޭޓް ދައްކައިގެން ކުޅެފި ކަމުގައި ވާނަމަ ވެލެންސިއާ ބަލި ކުރެވިދާނެ ކަމަށް، ނިޒާމް ބުންޏެވެ.

ޓީސީ އާއި ވެލެންސިއާ މެޗު ފަށާނީ، މިއަދު ހަވީރު 4:00 ގަ އެވެ.