ވިޔަފާރި

ސްރީލަންކަންއިން ފިއުލް ސާޗާޖުގެ ގޮތުގައި ހަތަރު ޑޮލަރު ނަގަނީ

Jan 9, 2018

ސްރީލަންކަން އެއާލައިންސް އިން ފިއުލް ސާޗާޖުގެ ގޮތުގައި ހަތަރު ޑޮލަރު ނަގަން ފަށައިފި އެވެ.

ސްރީލަންކަން އެއާލައިންސް އިން ނެރެފައިވާ ލިއުމެއްގައި ވަނީ މިމަހުގެ 15 އިގެ ފަހުން ސްރީލަންކަން އެއާލައިންސް އިން ދަތުރު ކުރުމަށް ނަގާ ޓިކެޓުތަކަށް ފިއުލް ސާޗާޖު ބޮޑުވާނެ ކަމަށެވެ. އަދި އެއާލައިނުން ބުނި ގޮތުގައި މިހާރު ޓިކެޓު ބުކް ކޮށްފައި ތިބި ދަތުރުވެރިން މި މަހުގެ 15 ގެ ކުރިން ޓިކެޓު ނެގުމަށް އެދޭ ކަމަށެވެ.

ފިއުލް ސާޗާޖުގެ އަގު ބޮޑު ކުރާ ސަބަބެއް އެއާލައިނުން ނުބުނެ އެވެ. ނަމަވެސް ފިއުލް ސާޗާޖު ބޮޑު ކުރުމާއެކު އެ އެއާލައިނުން ދަތުރުކުރާ މީހުން ދެ ކޮޅަށް އަށް ޑޮލަރު އިތުރަށް ނަގާނެ އެވެ. އަދި މި އަގާއެކު ޓިކެޓުގެ އަގަށް ބަދަލު އަންނާނެ އެވެ.

ޓިކެޓުގެ އަގަށް ބަދަލު ގެންނައިރު މިހާރު ސްރީލަންކަން އެއާލައިންސް އިން ދަނީ ހާއްސަ އަގެއްގައި ޓިކެޓު ވިއްކަމުންނެވެ. މިހާރު އެއާލައިނުން ދެކޮޅަށް ޓިކެޓު ވިއްކަނީ އިތުރުވި ސާޗާޖާއެކު 269 ޑޮލަރު (ގާތްގަނޑަކަށް 4،147ރ) އަށެވެ.

ސްރީލަންކަން އެއާލައިންސްއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ އެއާލައިން އެކެވެ. އަދި މި އެއާލައިނުން ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް ރާއްޖެ އަށް އާދެ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ސްރީލަންކަން އެއާލައިންސް އިން 266،708 މީހުން ރާއްޖެ އުފުލައިދިނެވެ.