ވިޔަފާރި

ލައިފް ޖެކެޓް އަޅަން ހޭލުންތެރި ކުރުވަން ލޭމުން ތެދުވަނީ

Jan 14, 2018
  • ދަރިވަރުންނަށް ގިނަ ހަރަކާތްތަކެއް ހިންގާނެ
  • ބައެއް އޮޑި ފަހަރަށް ހިލޭ ލައިފް ޖެކެޓް ދޭނެ
  • ރާއްޖޭގައި މިގޮތަށް ގެންދާ ފުރަތަމަ ކެމްޕެއިން

ކަނޑު އުޅަނދު ފަހަރުގައި ލައިފް ޖެކެޓު އަޅަން ހޭލުންތެރި ކުރުވަން، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބޮޑު ގައުމީ ކެމްޕޭނެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

"ސްޓޭސޭފްއަ ފްލޯޓް" ގެ ނަމުގައި ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އިން ކުރިއަށް ގެންދާ މި ކެމްޕޭންއާ ބެހޭ ގޮތުން، ލޭމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ މިއީ ހުރިހާ ކަނޑު އުޅަނދު ފަހަރަށް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

"އޮޑި ފަހަރަށް މި ޖައްސަނީ ސަލާމަތީ ކަންތައްތައް ފުރިހަމަ ކުރުން. ލައިފް ޖެކެޓް ހުރުން ލާޒިމްކުރޭ. އެކަމަކު ދަތުރުކުރަން އަރާ މީހުންނަށް ޔަގީނެއް ނޫން އުޅަނދުގައި ލައިފް ޖެކެޓް އޮތް ކަމެއް. އެހެންވެ، ކޮންމެ ފަސިންޖަރެއް ވެސް ޖެހޭ ލައިފް ޖެކެޓު އޮތްކަން ޔަގީން ކުރަން. އެ ޖެކެޓް އޮތީ ރަނގަޅު ހާލަތުގައިކަން ޔަގީން ކުރަން. އެކަމަށް އާއްމުން ހޭލުންތެރި ކުރުވުން މި ކެމްޕޭންގެ ބޭނުމަކީ،" އިގްނާޒް ވިދާޅުވި އެވެ.

ލޭމް އިން ބުނި ގޮތުގައި މި ކެމްޕޭންގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ. މިގޮތުން، ސްކޫލް ކުދިންނަށް ހާއްސަކޮށް ގިނަ ބައިތަކެއް ހިމެނޭނެ އެވެ. އަދި ބައެއް އޮޑި ފަހަރަށް މި ކެމްޕޭންގެ ދަށުން ހިލޭ ލައިފް ޖެކެޓު ބަހާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ލައިފް ޖެކެޓަށް ހާއްސަ މި ކެމްޕޭންގައި އިންޝުއަރެންސް ކުންފުނިތަކާއި ޓޫރިޒަމް އަދި ޖަމިއްޔާތައް ވެސް ބައިވެރިވާނެ އެވެ. އަދި މި ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހު އެވެ.