ހޮލީވުޑް

ލިއަނާޑޯ ތަފާތު ފިލްމަކަށް ތައްޔާރުވެފައި

ޓައިޓޭނިކް ފިލްމުން ގިނަ ބައެއް މަގުބޫލުކަމެއް ހޯދި އެމެރިކާގެ މަޝްހޫރު އެކްޓާރ ލިއަނާޑޯ ޑިކެޕްރިއޯ އާ ފިލްމަކަށް ސޮއި ކޮށްފި އެވެ. ކުއެންޓިން ޓެރެންޓީނޯ ތައްޔާރުކުރާ އެ ފިލްމަކީ 1960 ގެ އަހަރުތަކުގައި މަޝްހޫރުވި އެމެރިކާގެ ބޮޑު ކުށްވެރިއެއްގެ ހަޔާތާއި ގުޅުވައިގެން ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމާއި ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި މީޑިއާ އާއި ހިއްސާކޮށްފައި ނުވި ނަމަވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި، ލިއޯނާޑޯ ކުޅުނު ދަ ވުލްފް އޮފް ވޯލްސްޓްރީޓްގައި އޭނާގެ ކޯ-ސްޓާރެއްގެ ރޯލު ކުޅުނު މާގެޓް ރޮބީ ފެނިގެން ހިނގަދާނެކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ. އަދި ހޮލީވުޑްގެ ވަރުގަދަ އެކްޓަރުން ކަމަށްވާ ޓޮމް ކްރޫސް އާއި ބްރެޑް ޕިޓްވެސް މި ފިލްމުން ފެންނާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މީގެ ކުރިން، 2012 ވަނަ އަހަރު ނިކުތް ޖެންގޯ އަންޗެއިންޑް ކުޅުނު ފަހުން ވެސްޓަން ޖޯންރާގެ ފިލްމެއް ލިއޯ ކުޅޭ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނު ވެސްޓަން ޖޯންރާގެ ފިލްމްގެ ޑައިރެކްޓަރަކީ ވެސް ޓެރެންޓީނޯ އެވެ.

ސޮނީ ޕިކްޗާސްއަށް ރައިޓްސް ލިބިފައިވާ މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮގަސްޓް 9 ގަ އެވެ. މި ފިލްމު ޕްރޮޑިއުސްކުރާ ޓީމްގައި ހެރީ ޕޮޓާގެ ޕްރޮޑިއުސާ ޑޭވިޑް ހޭމަންއާއި، ޝެނޮން މިކިޓޯޝް، އަދި ޖޯޖިއާ ކަކެންޑެސް އެވެ. މި ފިލްމްގެ ރަސްމީ ނަމެއް ވެސް އަދި ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ޕްރޮޖެކްޓް ނަމުގެ ގޮތުގައި މި ފިލްމަށް ދީފައި ވަނީ، "ނަމްބަރު 9" އެވެ. ބެލެވޭ ގޮތުގައި، އެ ނަން ޕްރޮޖެކްޓަށް ދިނީ ޓެރެންޓީނޯގެ ނުވަވަނަ ފިލްމަށް ވާތީ އެވެ.

މިއީ ލިއަނާޑޯއަށް އޮސްކާ ލިބުނުފަހުން އޭނާ ކުޅޭ ފުރަތަަމަ ފިލްމެވެ.