ވިޔަފާރި

ކުލީބައިކްގެ ޕާޓްނަރަކަށް ޓްރިޕްލްއެސް އިންޝުއަރެންސް

Jan 15, 2018

އެއްގަމު އުޅަނދު ކުއްޔަށް ދޫކުރާ، ކުލީބައިކްގެ އިންޝުއަރެންސް ޕާޓްނަރަކަށް، ޓްރިޕްލް އެސް (އެސްއެސްއެސް އިންޝުއަރެންސް) މިއަދު ހަމަޖައްސައިފި އެވެ.

އެސްއެސްއެސް އިންޝުއަރެންސް އޮފީސް، ފިލާ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ކުލީބައިކްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފާއު އެވެ. އަދި އެސްއެސްއެސް އިންޝުއަރެންސުގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަ އެކްޒެކެޓިވް ރިހުޝާން ހަސަން އެވެ.

ސޮއި ކުރެއްވުމަށްފަހު، އެސްއެސްއެސް އިންޝުއަރެންސުގެ ރިހުޝާން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ކުލީ ބައިކުން ކުއްޔަށް ދޫކުރާ ސައިކަލްތަކަށް ފުލް އިންޝުއަރެންސް ކަވަރޭޖު ލިބިގެންދާނެ ކަމަށެވެ.

"ތާޑް ޕާޓީ އިންޝުއަރެންސްގެ ހިދުމަތާ ހިލާފަށް މި ހިދުމަތުން ފުލް އިންޝުއަރެންސްގެ ހިދުމަތް ލިބޭނެ. ފުލްކޮށް ކަވާކުރާނެ،" ރިހުޝާން ވިދާޅުވި އެވެ.

ކުލީބައިކްގެ ފަރާތުން ވާހަކަ ދެއްކެވި، ޝަފާއު ވިދާޅުވީ ހުޅުމާލޭގައި ސައިކަލްގެ ހިދުމަތް ކުއްޔަށް ދޭގޮތަށް ފެށި މި ހިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުންފުނިން ސައިކަލް ކުއްޔަށްދޭ ފުރަތަމަ ގަޑިއިރުގެ އަގަކީ 75ރ. އެވެ. އަދި ތިން ގަޑިއިރަށްނަމަ 165ރ. އަށް ދޫކުރާއިރު، އިތުރުވާ ކޮންމެ ގަޑިއަކަށް ނަގާނީ 40ރ. އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އިންޝުއަރެންސް ބްރޯކަރުގެ ހިދުމަތް ދެމުން ގެންދާ، އެސްއެސްއެސް އިންޝުއަރެންސުން ދަނީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އާއި ބައެއް ރިސޯޓުތައް އަދި އެއާޕޯޓާއި ގައުމީ އެއާލައިން ފަދަ ގިނަ ކުންފުނިތަކަށް ވެސް ހިދުމަތް ދެމުންނެވެ.

އެސްއެސްއެސް އިންޝުއަރެންސުން ވަނީ ފޯނު ކޯލެއް ކޮށްލައިގެން ސައިކަލް އިންޝުއަރެންސް ނެގޭނެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ. މި ހިދުމަތް ‎7896022 ނަމްބަރުން ލިބޭއިރު، މިހާރު ވަނީ ފޭސްބުކްގައި "ލައިކް އެންޑް ޝެއާ" ގެ ނަމުގައި ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. ތިން ހަފުތާއަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ މީހަކަށް 50000ރ. އާއި 100000ރ. އާ ދެމެދުގެ ސައިކަލަކަށް ފުލް އިންޝުއަރެންސް ޕެކޭޖެއް ވެސް ލިބޭނެ އެވެ.