ވިޔަފާރި

ފިނި ނުކުރާ ބިސް 28 ދުވަހަށްވުރެ އިތުރަށް ނުވިއްކޭނެ

Jan 17, 2018
1

ރާއްޖެއަށް އެތެރެކުރާ ބިސްތައް ފިހާރަތަކުގައި ވިއްކޭނެ މުއްދަތު ކަނޑައަޅައި ކުކުޅު ބިސް އެތެރެކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ހެލްތް ޕްރޕޓެކްޝަން އެޖެންސީއިން އާންމުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ކުކުޅުބިސް އިންޕޯޓްކޮށް ވިއްކަން ބަހައްޓަން ޖެހޭނީ މިނިސްޓްރީން ކަނޑައެޅި މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ފުރަތަމަ މިންގަނޑަކީ، ޓްރީމަންޓެއް ނުދީ ފިނި ނުކޮށް ކުކުޅުބިސް ބަހައްޓާންވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތެއްގައި ކަމެވެ.

ފިނިކޮށް (C°5 އަށްވުރެ ދަށުގައި) ބަހައްޓަންވާނީ އުފެއްދި ތާރީހުން ފެށިގެން އެންމެ ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތައް ކަމަށް ވެސް އިއުލާނުގައިވެ އެވެ. އެގޮތަށް އިންޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިންޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ތިންވަނަ މިންގަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ކުކުޅުބިހުގެ ދުވަސް ހަމަވާ މުއްދަތު ދިގުކުރުމަށް ޓްރީމަންޓެއްދީގެން އިންޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާ ކަމެއް ބަޔާންކުރާ އުފެއްދި ގައުމުގެ (ކަންޓްރީ އޮފް އޮރިޖިން) ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހުމެވެ.

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ ވެސް މަނާ ކަމެކެވެ.

މީގެއިތުރުން ރާއްޖެއަށް އިންޕޯޓުކުރާ ބިހާ ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު (ކަންޓްރީ އޮފް އޮރިޖިން) ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީހު ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމުގައި ވެސް އިއުލާނުގައިވެ އެވެ.