ހަބަރު

ޓީއެސްގެ ހާދިސާއަށްފަހު ދަރިވަރުންގެ ސަލާމަތަށް ފިޔަވަޅު އަޅަނީ

Jan 17, 2018
3

އިއްޔެ މެންދުރު ތާއްޖުއްދީން ސްކޫލަށް ބަޔަކު ވަދެ ކުއްޖަކަށް ހަމަލާދިން މައްސަލައާ ގުޅިގެން، މީގެ ފަހުން ކުދިން ބަލައި ސްކޫލަށް އަންނަ އިރު ބެލެނިވެރިއެއް ކަން އަންގައިދޭ ކާޑު ގެންނަން ބައެއް ސްކޫލްތަކުން ބެލެނިވެރިންނަށް އަންގައިފި އެވެ.

މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގައި ތަންފީޒުކުރަން ފެށި އުސޫލެއްގެ ދަށުން ބެލެނިވެރިއެއްކަން އަންގައިދޭ ކާޑު ސްކޫލްތަކުގައި ވަނީ ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް މިހާތަނަށް ޕޭރަންޓް ކާޑް ބޭނުންކުރަމުން އައީ ސްކޫލުން ކާޑު ބަލަން ބޭނުންވާ ހާލަތެއް އައިސްފި ހިނދެއްގަ އެވެ. އާންމުކޮށް ޗެކްކުރާ ގޮތެއްގެ މަތިންނެއް ނޫނެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުން އިއްޔެގެ ހާދިސާއާ ގުޅިގެން ރެހެންދި ސްކޫލުން ވެސް ވަނީ އެ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް މީގެ ފަހުން ކުދިން ބަލައި އަންނަ އިރު ޕޭރަންޓް ކާޑް ގެންނަން އަންގާފަ އެވެ. ކާޑު ނެތްނަމަ ސްކޫލް ގޭޓުން އެތެރެއަށް ނުވަދެވޭނެކަން ވެސް އަންގާފަ އެވެ.

އެކަމާގުޅިގެން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ޕޭރެންޓްކާޑް ގެންނަން ސްކޫލްތަކަށް އަންގާފައިވާ އެންގުމަކީ މިދިޔަ އަހަރު ތަންފީޒުކުރި އުސޫލެއް ކަމަށެވެ. އެކަން އެގޮތަށް އެންގީ ދަރިވަރުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން ޕޭރަންޓްކާޑް ތައާރަފްކޮށްފަ ވާނީ. ބައެއް ފަހަރު ވާގޮތަކީ ކުއްޖާ ބަލައި އެބަ އާދޭ ބެލެނިވެިއަކަށް ހުންނަ މީހެއް ނޫން މީހެއް. އެފަދަ ހާލަތެއްގައި ސްކޫލުން ބޭނުންވެދާނެ އެމީހަކީ ބެލެނިވެރިއެއްގެ ހުއްދަ އޮތް މީހެއްތޯ ބަލަން. އެހެންވެ ކުދިންނަށް ދެ ކާޑު ހަވާލުކުރަން މިނިސްޓްރީން މިދިޔަ އަހަރު ސްކޫލްތަކަށް ވާނީ އަންގާފަ. ދެން ހާދިސާއެއް ހިނގީމަ، ނުވަތަ އެފަދަ ހާލަތެއް އައިސްފި ނަމަ އެކަން ބޮޑަށް ހަނދާން ކޮށްދިނުން އެއީ އޮންނަ ކަމެއް. އެގޮތުގެ މަތިންހެން އަޅުގަނޑަށް ގަބޫލުކުރެވެނީ ސްކޫލްތަކުން އެ އަންގަނީ،" ޝަފީއު ވިދާލުވި އެވެ.

ގްރޫޕަކުން ތާޖުއްދީން ސްކޫލަށް ވަދެ އެ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރު ސްކޫލު ނިމުނު ގަޑީގަ އެވެ. ހަމަލާގެ ސަބަބުން އެ ކުއްޖާގެ ބޮލުން ތަނެއް ފަޅައިގެން ގޮސްފައިވާއިރު، އެކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.