ވިޔަފާރި

ފޯސީޒަން ވޯވަށް: ކޮންޑެ ނާސްޓް ގޯލްޑް ލިސްޓަށް

Jan 22, 2018

މިދިޔަ އަހަރު ފޯސީޒަން އިން ހުޅުވި ވޯވަށް ޕްރައިވެޓް އައިލެންޑް، ކޮންޑެ ނާސްޓް މަޖައްލާގެ "ގޯލްޑް ލިސްޓު" ގައި ހިމެނިއްޖެ އެވެ.

މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން ވޯވަށް ވަނީ މި ދިޔަ އަހަރު އެ މަޖައްލާ އިން ހޮވި އެންމެ ހިތްގައިމު ހޮޓެލް ލިސްޓުގައި ވެސް ހިމެނިފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ޗެއިން ކަމަށްވާ ފޯސީޒަން އިން ހުޅުވާފައިވާ މި ކުޑަކުޑަ ހިތްގައިމު ރަށް ހާއްސަ ކޮށްފައިވަނީ ބާވީހަކަށް މެހުމާނުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. ބޮޑު މިނުގައި ގާތްގަނޑަކަށް ފަސް ހެކްޓަރު ހުންނަ މި ރަށުގައި ހަތް ކޮޓަރި އާއި ބީޗްހައުސް އެއް ހުރެ އެވެ.

ވޯވަށް ޕްރައިވެޓް އައިލެންޑުން ލިބެން ހުރި އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ސްޕާއާއެކު 19 މީޓަރުގެ ޕްރައިވެޓް ކުޑަ ޔޮޓެއްގެ ހިދުމަތް ވެސް ހިމެނެ އެވެ. މީގެ އިތުރުން ފަތާ ފެންގަނޑަކާއި ލައިބްރަރީ ފަދަ ވަސީލަތްތައް ވެސް މި ރަށުން ލިބެން ހުރެ އެވެ.

ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ވޯވަށް ޕްރައިވެޓް އައިލެންޑުގެ އިތުރުން، ފޯސީޒަން އިން ދަނީ ލަނޑާގިރާވަރުގައި ވެސް ރިސޯޓެއް ހިންގަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ދެވޭ ރާސްތާގައި އޮންނަ، 44 ހެކްޓަރުގެ، މިރަށުގައި 103 ވިލާ ހުރެ އެވެ. މި ރިސޯޓުގެ އިތުރުން ފޯސީޒަން އިން ދަނީ މާލެ އަތޮޅުގަ ވެސް ރިސޯޓެއް ހިންގަމުންނެވެ.

މި އަތޮޅުގައި ހިންގާ ފޯސީޒަން ކުޑަހުރާ ރިސޯޓަކީ ވެސް މެހުމާނުންގެ މެދުގައި މަގުބޫލު ރިސޯޓެވެ. މީގެ އިތުރުން ފޯސީޒަންގެ ރިސޯޓުތަކަށް އަންނަ މީހުންނަށް ހާއްސަކޮށް، ޕްރައިވެޓް ލަގްޒަރީ ކަޓަމަރާންއެއްގެ ހިދުމަތް ވެސް ދެމުންގެންދެ އެވެ.