ހަބަރު

ވިލާގެ ހުރިހާ ރިސޯޓުތަކެއްގައި އެއްފަހަރާ އިހުތިޖާޖު ފަށައިފި

ވިލާ ގްރޫޕަށް ދޫކޮށްފައިވާ ރާ ވިއްކުމުގެ ހުއްދަ ބާތިލްކޮށްލުމާއެކު، ވިޔަފާރިއަށް އަސަރުކުރާނެތީ، މުވައްޒަފުން ކަންބޮޑުވެ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްވަމުން ވިލާ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް މިއަދު ވިދާޅުވީ ވިލާގެ ހުރިހާ ރިސޯޓެއްގައި މުވައްޒަފުން ޝުއޫރު ފާޅުކުރަމުންދާ ކަމަށާ، އެކަން ކުރަނީ މުވައްޒަފުން ކަމަށެވެ.

"މުޒާހަރާ ކުރިނަމަވެސް ގެސްޓުންނަށް ދޭ ސާވިސްއަކަށް އަސަރެއް ނުކުރޭ. މުވައްޒަފުން ހިޔާލު ފާޅު ކުރަމުން ދަނީ ސްޓާފް އޭރިއާގައި. އޮފްގައި ތިބި މުވައްޒަފުން އިހުތިޖާޖު ކުރަނީ،" ގައިސަރު ވިދާޅުވި އެވެ.

ވިލާގެ ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފެށިއިރު، ކަސްޓަމްސް އިން ރޭ ވަނީ ވިލާގެ ފަން އައިލެންޑް ރިސޯޓުގައި ހުރި ރާގުދަނުގައި ހުރި ރާތައް ގެންގޮސްފަ އެވެ. އަދި މިއަދު ވަނީ ވިލާގެ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ރާ އެތެރެ ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ.

ވިލާ ގްރޫޕުގެ ޖީއެމް، ގައިސަރު ވިދާޅުވީ އެ ގްރޫޕުގައި 5،000 މުވައްޒަފުން މަސައްކަތް ކުރާއިރު، ހުރިހާ މުވައްޒަފުންވެސް ތިބީ ކަންބޮޑުވެފައި ކަމަށެވެ.

"މިހާރު ވެސް މުސާރަ ދިނުމާއި ކަންކަމަށް ދަތިވޭ. މަހުގެ 10 ގައި މިދެވެނީ. މިހެން ހުއްޓައި މިހާރު ގެނައި ބަދަލާއެކު، އިތުރަށް ދަތިވެގެންދާނެ. އެހެންވެ މިއީ މުވައްޒަފުންނަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް،" ގައިސަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވިލާ ގްރޫޕުގެ ރިސޯޓުތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ އަސަރު މުޅި ގައުމަށްވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެންމެ ބޮޑަށް ލޯކަލް އެޖެންޓުންނަށް އެހީވާ އެއް ބައި. ރާއްޖޭގެ ލޯކަލް ވިޔަފާރިވެރިންގެ އަތުން ގިނަ އަދަދެއްގެ ވިޔަފާރިކުރޭ. އެހެންވެ މިއީ އެ ބޭފުޅުންނަށްވެސް ލިބިގެންދާނެ ބޮޑު ދެރައެއް،" ގައިސަރު ވިދާޅުވި އެވެ.