ކަރަންޓްގެ އަގު

ރަށްތަކުގެ ފެނާއި ކަރަންޓުގެ އަގު މާލެއާ އެއްވަރުކޮށްފި

Jan 23, 2018
15

އަތޮޅުތަކުގެ ރަށްތަކުގައި ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން 400 ޔުނިޓާ ދެމެދުގެ ބޭންޑްތަކުން ކަސްޓަމަރުންނަށް ޗާޖްކުރާ ރޭޓް މާލެއާ އެއް އަގެއްގައި ހަމަޖައްސައި އެކަން މިއަދު އިއުލާންކޮށްފި އެވެ. އޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ފެނުން ނަގާ އަގު މާލެއާ އެއްވަރަށް ހެޔޮ ކުރަން ވެސް ވަނީ ނިންމާފަ އެވެ.

އެންވާރަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ، ކަރަންޓު އަގުގައި ތަފާތުތައް އުޅުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލުކުރުމަށް 2016 ވަނަ އަހަރުގެ ތެރޭގައި މާލެ ފިޔަވާ އެހެން ރަށްތަކުގެ ޓެރިފް ރޭޓުތައް އެއް އަގަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުން ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން 400 ޔުނިޓާ ދެމެދުގެ ބޭންޑްތަކުން ކަސްޓަމަރުންނަށް މާލެއާ އެއް އަގެއްގައި ޗާޖު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން 100 ޔުނިޓު ބޭނުން ކުރާ ފަރާތްތަކަށް 70ރ. ކުޑަ ވެގެންދާނެ ކަމަށާއި 200 ޔުނިޓު ބޭނުން ކުރާ ފަރާތްތަކަށް 175ރ. ކުޑަވާނެ ކަމަށެވެ. އަދި 300 ޔުނިޓު ބޭނުން ކުރާ ފަރާތްތަކަށް 300ރ. ކުޑަވާނެ ކަމަށާއި 400 ޔުނިޓުން މަތީން ބޭނުން ކުރާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް 400 ރުފިޔާ ބިލުން ކުޑަ ވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި އެގޮތަށް ބިލް ކުރަން ފަށާނީ އަންނަ މާޗު މަހުން ފެށިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ގާތްގަނޑަކަށް އަތޮޅުތަކު ތެރޭ އުޅޭ އާބާދީގެ 85 ޕަސަންޓަށް މާލޭގެ އަގުތަކާ އެއްވަރު ވެގެން މިދިޔައީ،400 ޔުނިޓުގެ ބައި ހުރިހާ ބޭންޑަކަށް ވެސް ކެނޑިގެން ދާތީ އަތޮޅުތަކު ތެރޭ އުޅޭ ހުރިހާ އެންމެނަށް ވެސް ކަރަންޓު އަގު ހެޔޮވެގެން ދާނެ،" ތޯރިގު ވިދާޅުވި އެވެ. "މި މަޝްރޫއަކީ ބުރަ އަދި ވަރަށް ބޮޑު މަޝްރޫއެއް، މިއީ ރައްޔިތުންނަށް ސަރުކާރުން މުހިންމު އަސާސީ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރުން،"

އޭގެ އިތުރުން އަތޮޅު ތެރޭ ރަށްތަކަށް ފެނުގެ ހިދުމަތް ދޭ އަގު ހެޔޮކޮށް މާލެއާ އެއްވަރު ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ޑޮމެސްޓިކް ހުރިހާ ކަސްޓަމަރުންނަށް މި މަހުން ފެށިގެން މާލެއާ އެއް އަގެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން 100 ލީޓަރާ ހަމަޔަށް ފެން ބޭނުން ކުރާ ފަރާތްތަކަށް 65ރ. ޗާޖު ކުރާއިރު އެ ބަދަލާއެކު އަގު 22ރ. އަށް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިން 200 ލީޓަރާ ހަމަޔަށް ބޭނުން ކުރާ ފަރާތްތަކަށް 75ރ. ޗާޖު ކުރާއިރު މިހާރު ނަގާނީ 70ރ. ކަމަށާއި އެއަށް ވުރެ ގިނައިން ބޭނުން ކުރާ ފަރާތްތަކަށް 100 ރ. ޗާޖު ކުރާއިރު ދެން ނަގާނީ 95ރ. ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފެނާއި ކަރަންޓުގެ އަގުތައް މާލެއާ އެއް ރޭޓެއްގައި ނަގަން ފެށި ނަމަވެސް އެކަންކޮށްފި ނަމަ އެ ހިދުމަތްދޭ ކުންފުނިތަކަށް ބޮޑެތި ގެއްލުން ވާނެ ކަމަށް މީގެ ކުރިން ބޭއްވި ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއެއްގައި އެ ކުންފުނިތަކުގެ ވެރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ތޯރިގު މިއަދު ވިދާޅުވީ ކުންފުނިތަކަށް އެ ބަދަލާއެކު އަސަރުތަކެއް ކުރި ނަމަވެސް އިސްކަން ދެނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ އަގު ހެޔޮ ވާނެ ގޮތްތަކަށް ކަމަށެވެ. އަދި އަގުތަކަށް އަންނަ ބަދަލުތަކާއެކު ލިބޭ އާމްދަނީ މާ ބޮޑަށް ކުޑަ ވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ކުރިޔަށް އޮތްތަނުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.