ސްޓެލްކޯ

ސްޓެލްކޯއިން ސްމާޓް މީޓަރު ތައާރަފު ކުރަނީ

ވަގުތުން ކަރަންޓު ބިލަށް އަރާވަރު ބަލައިލެވޭ ސްމާޓް މީޓަރުތަކެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުންފި އެވެ.

ސްޓެލްކޯގެ ހިދުމަތަށް 70 އަހަަރު ފުރުން ފާހަގަ ކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، އަންނަ އަހަރު ސްމާޓް މީޓަރިން ޓެކްނޮލޮޖީ ތައާރަފުކޮށް ވަގުތުން ވަގުތަށް ކަރަންޓު މީޓަރަށް އަރާ ވަރު ބަލައިލެވޭނެ ކަމަށެވެ. އޭގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ހާއްސަ އެޕްލިކޭޝަނަކާއެކު ކަރަންޓު ބިލާ ބެހޭގޮތުން ކަސްޓަމަރުން ބޭނުންވާ މައުލޫމާތު ވެސް ދޭނެ ކަމަށެވެ.

"ސްމާޓް މީޓަރުތައް ސްޓެލްކޯގެ ސޮފްޓްވެއާ ތަކާއި ކޮމިއުނިކޭޓް ކޮށްފައި އެބަ އަންގައިދޭ ކިހާވަރަކަށްތޯ މިހާރު ކަރަންޓު އެ ބޭނުން ކުރަނީ، ދެން އަޅުގަނޑުމެން މީގެ އިތުރުން ކަސްޓަމަރުންނަށް މި ދޫކޮށްލަނީ އެޕްލިކޭޝަނެއް. އެޕްލިކޭޝަން އިން ބަލާލެވޭނެ އަޅުގަނޑުުމެންނަށް މި އަންނަ ރޯ ޑޭޓާ ރީޑް ކުރެވޭ އިންފޮމޭޝަން އަށް ޗޭންޖްކޮށްފައި ކަސްޓަމަރުން ބޭނުންވާ އިންފޮމޭޝަން" މުގުނީ ވިދާޅުވި އެވެ.

އޭގެ މަޝްވަރާތައް ކުރަމުންދާކަން ފާހަގަ ކުރައްވާ އިތުރަށް ވިދާޅުވީ، އެ ނިޒާމާއެކު މިހާރު ހަރުކޮށްފައި ހުރި މީޓަރުތައް އެއްކޮށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ސްމާޓް މީޓަރުތައް އަލުން އިންސްޓޯލްކޮށް އެ މީޓަރުތައް ސްޓެލްކޯ އާ ކަނެކްޓް ކުރުމުން ބިލާ ބެހޭ ހުރިހާ މައުލޫމާތެއް ކަސްޓަމަރުންނަށް ވަގުތުން އެނގޭނެ ކަމަށެވެ.

"މި މީޓަރުތައް ހަރު ކުރުމުން ކަސްޓަމަރުން ބޭނުންވާ އިންފޮމޭޝަން ލިބޭނެ... މިހާރު ބިލް ހިނގަމުންދާ ވަރު އެނގޭނެ. މިހާރު ބޭނުންކުރާ ވަރަށް ބޭނުން ކުރާ ނަމަ މަސް ނިމޭ އިރު ބޭނުން ކުރެވިފައި އޮންނާނީ ކިހާ ވަރެއް ކަމާއި އެއާއެކު ބިލަށް ޕޭ ކުރަން ޖެހޭނީ ކިހާ ވަރެއްކަން ވެސް އެނގޭނެ"

ސްމާޓް މީޓަރުތައް އަންނަ އަހަރު ތައާރަފު ކުރަން ނިންމާފައިވާއިރު މި ހިދުމަތާއެކު ބިލް ދެއްކުމަށް ޕްރިޕެއިޑް އޮޕްޝަންސްތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މުގުނީ ވިދާޅުވި އެވެ.