ސްޓެލްކޯ

ކަރަންޓު ބިލް ބޮޑުވާނެތީ ސްޓެލްކޯއިން އެނާޖީ ސޭވިން ކެމްޕެއިނެއް

ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ބިލު ބޮޑުވާތި އެކަމަށް ސަމާލުވުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދާ "އެނާޖީ ސޭވިން ކެމްޕެއިން" ފަށައިފި އެވެ.

ސްޓެލްކޯގެ އެނާޖީ ސޭވިން ކެމްޕޭނުގެ މަގްސަދަކީ ރައްޔިތުން ކަރަންޓު ބޭނުން ކުރުމަށް އަހުލުވެރިކުރުމަށާއި ކަރަންޓް އިގްތިސޯދު ކުރުމަށް އަހުލުވެރިކުރުމަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އެނާޖީ ސޭވިން ކެމްޕެއިން ފެށުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އަހަރު ފެށޭކޮޅުގައ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުންކުރާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދިމުނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރެވުނު މަސައްކަތުން މިހާރު އެ ޝަކުވާތައް މަދު ކުރެވިއްޖެ ކަމަށެވެ.

"ކަރަންޓު ބޮޑުވުމާ ގުޅޭ ގޮތުން މައުލޫމާތު ލިބޭ މިންވަރަކުން ޝަކުވާ މަދުވާނެ. ކަރަންޓު އިގުތިސާދުކުރުމާއި ގުޅޭގޮތުން ވިސްނައިގެން ކަރަންޓު އިގުތިސާދުކޮށްފި ނަމަ, 15 ޕަސެންޓަށް ކަރަންޓު ބިލު ކުޑަކުރެވޭނެ. އެނާޖީ ސޭވިން ކެމްޕެއިނެއްގެ ބޭނުމަކީ އާންމު ރައްޔިތުންގެ އަތުން ބޭކާރު ގޮތުގައި ފައިސާ ހަރަދުވެގެން ދިއުން މަދުކުރުން." މުޣުނީ ވިދާޅުވި އެވެ.

މި އަހަރުގެ އެނާޖީ ސޭވިން ކެމްޕެއިންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށް މުގްނީ ވިދާޅުވި އެވެ. އެގޮތުން ކަރަންޓު އިގުތިސާދު ކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވައި މޮޅުވާ ފަރާތަކަށް ފައިސާގެ އިނާމު ދިނުމާއި ސޯޝަލް މީޑިއާގައި ހޭލުންތެރިކަން އިތުރުކުރުމާއި އައުޓްޑޯ ބިލްބޯޑުތަކެއް ޖަހައި ސްޓެލްކޯގެ މާޓީވީގެ ބޮޑު ސްކްރީނުގައި ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުމުގެ އިތުރުން ކަރަންޓު ބިލު ކުޑަކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް ހަވީރުތަކެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ބޭނުންވަނީ ކަރަންޓު ބިލު ބޮޑުކޮށް ރައްޔިތުން އަތުން އިތުރު ފައިސާތަކެއް ހޯދުމަށް ނޫން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކަރަންޓު ސޭވް ކުރާނެ ގޮތް ރައްޔިތުންނަށް ކިޔައީ ބިލު ކުޑަކުރުމަށް އަހުލުވެރިކުރުން ކަމަށެވެ.