ސްޓެލްކޯ

ސްޓެލްކޯއަށް 70 އަހަރު: ހިދުމަތްތައް ޒަމާނީ ކުރަނީ

ސްޓެލްކޯގެ މިހާރުގެ އަމާޒަކީ ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފައްދާ ޒަމާނީ ޓެކްނޮލޮޖީއާ އަހުލުވެރި ކުންފުންޏަކަށް ހެދުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އަށް 70 އަހަރު ފުރުމުގެ މުނާސަބާގައި، އެ ކުންފުނީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުންޏަށް 70 އަހަރު ފުރުން ފާހަގަކޮށް ލޯގޯއެއް އިފްތިތާހުކޮށްފައި ވެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ، ކުންފުނީގެ ޕްރޮޖެކްޓުތައް ދެން ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފައްދައިގެން ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ކަން ކުރަން މިހާރު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދަން. އަހަރުތަކެއް ކުރީގައި އަޅުގަނޑުމެން ޑީސަލް ބޭނުން ކޮށްގެން ހަކަތަ އުފެއްދި ކަމުގައި ވިޔަސް، އަޅުގަނޑުމެން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދާނީ ތިމާވެއްޓާ ރައްޓެހި ނުވަތަ ސޯލާގެ ޒަރިއްޔާއިން ހަކަތައިގެ އިތުރު ޕްރޮޖެކްޓުތައް ހިންގަން،"

މުގުނީ ވިދާޅުވީ، ޓެކްނޮލޮޖީ އާ އަހުލުވެރި ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ދަމަހައްޓައި ކުންފުނިން ދޭ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން، އަންނަ އަހަރު ސްމާޓް މީޓަރު ތައާރަފު ކުރުމުން މީޓަރަށް އަރާ ވަރު ވަގުތުން ބަލާލެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަރަންޓު ބިލަށް އެރިވަރު، އަދި މިހާރު ރަން ކުރާ ބިލަށް އަރަމުންދާ ވަރުވެސް ބަލާލެވޭނެ. ހަމައެެއާއެކު ޕްރެޑިކްޓް ކޮށްލެވޭނެ ގާތްގަނޑަކަށް މިހާ ވަރަށް އަރައިފިއޭ، ދެން އިތުރަށް ބަލައިގެން ކަރަންޓު ބޭނުން ކުރަން. އަދި، ބޭނުމިއްޔާ އެޕް މެދުވެރިކޮށް ވަގުތުން މީޓަރު އޮފް ކޮށްލެވޭނެ. މިކަހަލަ އޮޕްޝަންތަކެއް ތައާރަފު ކުރާނަން"

"ތިމާވެއްޓާ ރައްޓެހި ކަަރަންޓު ބޭނުން ކުރެވޭނެ ގޮތްތައް އެބަ ހުރި. ބޭނުންކުރާ ވަސީލަތްތަކަކީ އެނާޖީ ސޭވިން ވަސީލަތްތަކަށް ހެދިދާނެ. މިކަންކަމަށް އާާއްމުން އަހުލުވެރި ކުރުވަން އެބަޖެހޭ،"

ސްޓެލްކޯގެ ޕްލޭންގައި ހުރި ކަންކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވީ، ކުދި ރަށްރަށަށް ކަރަންޓު ދޭން ސަބްމެރިން ކޭބަލަކުން ގުޅާލުމުގެ މަަސައްކަތް ފަށާނެ ކަމަށާއި އޭގެ ސަބަބުން ކޮންމެ ރަށެއްގައި ސްޓެލްކޯގެ ވަކި ސްޓޭޝަނެއް ހަދައި ހަރަދު ކުޑަ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންގައި އެބަ އޮތް ރަށްރަށް ސަބްމެރިން ކޭބަލް ތަކުން ގުޅާލުން. މިކަން މިގޮތަށް ކުރުމުން ހަރަދު ކުޑަވެގެންދާނެ. ކުދި ރަށްރަށުގައި ވަކިން ސްޓެލްކޯ އޮޕަރޭޓް ކުރަމުން ގެންދާ ކަމުގައި ވާނަމަ ކޮންމެ ރަށެއްގައި ވަކި އެސްޓަބްލިޝްމަންޓެއް ހެދި އޮޕަރޭޓް ކުރަމުން މިދަނީ. އޭގެ ބަދަލުގައި ސަބްމެރިން ކޭބަލް އަޅަން ވިސްނާއިރު އެއީ ދުނިޔޭގައި މިހާރު ލިބޭ ޓެކްނޮލޮޖީއެއް. އަޅުގަނޑުމެން އޭއްޗެހި ތައާރަފު ކުރަމުން ގެންދާނަން،" މުގުނީ ވިދާޅުވި އެވެ.