ފެނަކަ ކޯޕަރޭޝަނުން އެ ކުންފުންޏަށް ބޭނުންވާ 39 ޖެނެރޭޓަރު ސެޓު ގަތުމަށް ބިޑަށް ހުޅުވާލައިފި އެވެ.
ފެނަކައިން ވަކިވަކިން ކުރި އިއުލާންތަކެއްގައި ބުނީ 250 ކިލޯވޯޓާއި 1600 ކިލޯވޯޓާއި ދެމެދުގެ ޖެނެރޭޓަރު ސެޓު ހޯދަމުންދާ ކަމަށެވެ. އަދި އެތަކެތި ވިއްކުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ޝައުގުވެރިވާ ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
ފެނަކައަށް ބޭނުންވާ ޖެނެރޭޓަރު ސެޓުތައް
- 1600 ކިލޯވޮޓުގެ 2 ޖެނެރޭޓަރު ސެޓް
- 800 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
- 1200 ކިލޯވޮޓުގެ 5 ޖެނެރޭޓަރު ސެޓް
- 400 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
- 1000 ކިލޯވޮޓުގެ 6 ޖެނެރޭޓަރު ސެޓް
- 250 ކިލޯވޮޓުގެ 7 ޖެނެރޭޓަރު ސެޓް
- 600 ކިލޯވޮޓުގެ 8 ޖެނެރޭޓަރު ސެޓް
ފެނަކައިން ބުނީ މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3،000 ޔޫއެސް ޑޮލަރު ނުވަތަ އެދަދަށްވާ ފައިސާ ދިވެހި ރުފިޔާއިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ބިޑް ސެކިއުރިޓީ ހުށަހަޅާނީ އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ކަމަށާއި އަންދާސީ ހިސާބު ބާތިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު 16 އޮކްޓޫބަރުގެ ނިޔަލަށް ދީފައިވެ އެވެ.
ފެނަކައިން ބުނީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 13 އޮކްޓޫބަރާ ހަމައަށް އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އެވެ.