ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މީޓަރު ޓެސްޓުކުރުމަށް ތިންހަަތަރު ދުވަސް ނެގި ޒަމާން މާޒީވެއްޖެ ކަމަށާއި ފެނަކައިން އެ ހިދުމަތް ތައާރަފު ކުރުމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ފެނަކައަކީ ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށް ކަރަންޓު ފޯރުކޮށްދޭ ކުންފުންޏެކެވެ. ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މިވަގުތު ތައާރަފުކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަނި ނަމަވެސް އައްޑޫ ސިޓީ އާއި ހއ އަދި ހދ. އަތޮޅަށް އެ ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީޓަރު ޓެސްޓުކުރުމުގެ ހިދުމަތުގެ ތެރޭގައި ސްމާޓް މީޓަރު ޓެސްޓު ކުރެވޭނެ ބެންޗެއްވެސް ފެނަކައިގައި ގާއިމުވެފައި އެބަހުއްޓެވެ. އަދި ފެނަކައިން މި ވަގުތު ބޭނުން ކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގައިވެސް މީޓަރު ޓެސްޓު ކުރުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ފެނަކައިން މިވަގުތު ބޭނުންކުރަމުން ދަނީ ގަޑިއިރަކު 75 މީޓަރު ޓެސްޓު ކުރެވޭ ވަރުގެ ފެންވަރު ހުރި ބެންޗެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"ފެނަކައިން ބޭނުންކުރާ ބެންޗަކީ ރާއްޖޭގައި މި ލެވެލްގައި ޓެސްޓު ކުރެވޭ ހަމައެކަނި ބެންޗު" ސައީދު ވިދާޅުވި އެވެ.
ފެނަކައިން މި ހިދުމަތް ތައާރަފު ކޮށްފައިވާއިރު އެހެން މުއައްސަސާތަކުން މި ހިދުމަތް ދެމުން އަންނަ އަގާ ފެނަކައިން ހިދުމަތް ދޭ އަގުގައި ތަފާތު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.