ފެނަކަ ކޯޕްރޭޝަން

ހޯމް ސޯލާަ ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކޮށްފި

އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމާގުޅޭ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުމަށް ދިވެހި ސަރުކާރުން އަމާޒުކޮށްފައިވާތީ، އެ އަމާޒު ހާސިލްކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެެކެވެ.

މި ޕްރޮގްރާމުގެ ދަށުން، ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި ގޭބިސީތަކުން ބޭނުންވާ ޖުމްލަ ކަަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ އެވެ. މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ. އެގޮތުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި މިޕްރޮގްރާމުގެ ދަށުން ދެ ކިލޯ ވޯޓުގެ ސިސްޓަމެއް ގާއިމުކޮށްފިނަމަ، ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅާބަލާއިރު 90 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތްކުރެވޭނެ އެވެ.

ފެނަކައިން ބުނީ މި މަޝްރޫއުގެ ދަށުން ދޫކުރެވޭ ހޯމް ސޯލާ ނިޒާމް ތަކަކީ ނިސްބަތުން އަގުހެޔޮ، ރައްޔިތު މީހާގެ ޖީބަށް ލުއި، އަދި އިންސްޓޯލްމެންޓް އުސޫލުން ދޫކުރެވޭ ނިޒާމްތަކެއް ކަމަށެވެ. އަދި މާލީ ބޮޑު ތަކުލީފެއް ނެތި މި ނިޒާމްތައް ފަރުދުންނަށް ގަނެވޭނެ ކަމަށެވެ.

ފެނަކައިން އިތުރަށް ބުނީ ސަރުކާރުން މި މަޝްރޫއު ހިންގުމަށް ފެނަކައާއި ހަވާލުކުރާ ފައިސާއިން ދެ ކިލޯ ވޯޓުގެ 1000 ސޯލާ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ. އަދި މި އަދަދު މުސްތަގުބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެެވެ.

މި މަޝްރޫއާ އެކު ދެ ކިލޯ ވޯޓުގެ 1000 ސިސްޓަމް ގާއިމުކުރެވިއްޖެނަމަ ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި އިމްޕޯޓުކުރާ ތެލުގެ ތެރެއިން ނުވަ ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ އެވެ. މިއީ މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު އަހަރަކަށް 10 މިލިއަން ރުފިޔާ އެވެ. ހަމައެއާ އެކު ސަލާމަތް ކުރެވޭ ތެލުގެ ސަބަބުން، އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަނު ކާބަން ޑައިއޮކްސައިޑް މަދު ވެގެންދާނެ އެވެ.

ފެނަކައިން އިތުރަށް ބުނީ ހޯމް ސޯލާ ނިޒާމް އިންސްޓޯލް ކުރުމަށް ފެނަކައާއި ހަވާލުކުރުމަށްފަހު ކަސްޓަމަރަށް އިތުރު ތަކުލީފެއް ނުޖައްސާ ފެނަކައިން ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. މީގެ ތެރޭގައި ސާވޭ ކުރުމާއި، އިންޖިނިއަރިން، ޑިޒައިނިން، އިންސްޓޮލޭޝަން އަދި ކޮމިޝަނިން ހިމެނެ އެވެ.