އައްޑޫ ސިޓީ

މި ހަފުތާ ތެރޭ އައްޑޫގެ ކަރަންޓް ހައްލުވާނެ: ފެނަކަ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މި ހަފުތާ ތެރޭގައި އެއްކޮށް ހައްލު ކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫ ސިޓީގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކަނޑާލަނީ ލޯޑް ބޮޑުވެގެން ނޫން ކަމަށާއި ކަރަންޓް ކަނޑާލަނީ އަލަށް ގެނައި ދެ ޖަނަރޭޓަރު ޓެސްޓް ކުރަމުން ގެންދާތީ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި ޓެސްޓްކޮށް ނިމި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ވެގެންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު ޓެސްޓް ކުރަމުންދާތީވެ، ކަރަންޓް ކެނޑޭނެ ކަމުގެ މައުލޫމާތު ރައްޔިތުންނަށް ކުރިން ދީފައިވާނެ ކަމަށާއި މިހާރު ކަރަންޓް ދެނީ ހަތަރު މެގަވޯޓްގެ ޖަނަރޭޓަރުން އެކަނި ކަމަށެވެ. އަދި ވިދާޅުވީ، އަލަށް ގެންދިޔަ ދެ ޖަނަރޭޓަރުގެ ތެރެއިން 2.5 މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދޭއް މެގަވޯޓްގެ ޖަނަރޭޓަރު ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

"ސްޓެލްކޯ ނަގާފަ އެންމެ ވަރުގަދަ އިންޖީނުގެއަށް އައްޑޫ ސިޓީގެ އިންޖީނުގެ ވެގެންދާނެ، އައްޑޫ ސިޓީއަށް ބޭނުންވަނީ 6.4 މެގްވޯޓްގެ ޖަނަރޭޓަރު ސެޓެއް، މިހާރު އިންސްޓޯލް ކޮށްފައިވާ ދެ ޖަނަރޭޓަރާއެކު 9.8 މެގަވޯޓަށް އަރާނެ، އެހެން ކަމުން އައްޑޫ ސިޓީ އަށް ލޯޑް ބޮޑެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އެ ރަށަށް އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަދި ޑިސެމްބަރު މަހު ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް މީގެ ކުރިން ފެނަކައިން ބުނި ނަމަވެސް އާ އަހަރު ފެެށިގެން ދިޔަ އިރުވެސް އެރަށުގެ ކަރަންޓް މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެކަމާއި ގުޅިގެން އެރަށު ރައްޔިތުން ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.