ވިޔަފާރި

ކްރޫޒްލައިނާ ޓޫރިސްޓުން ފައިބަން މަސްވެރިން ޕާކް ދީފި

Jan 23, 2018

ކްރޫޒްލައިނާ ތަކުން ފައިބާ ޓޫރިސްޓުން މާލެ ފައިބަން މަސްވެރިން ޕާކް ސަރަހައްދު ހާއްސަކޮށް، ދީފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނެފި އެވެ.

ކުރިން އެއް ނަމްބަރު ފާލަން ސަރަހައްދު ކްރޫޒްލައިނާ ޓޫރިސްޓުންނަށް ހާއްސަކޮށްފައިވީ ނަމަވެސް، ފަހުން ވަނީ މި ސަރަހައްދަށް ޓޫރިސްޓުން ފޭބުން ހައުސިން މިނިސްޓްރީން މަނާ ކޮށްފަ އެވެ. އެހެންވެ، މާޔާ އިން ވަނީ ސަރުކާރުން ކަމާ ބެހޭ ގިނަ ފަރާތްތަކާއެކު ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުންތަކަށްފަހު، މަސްވެރިން ޕާކް ސަރަހައްދު ކްރޫޒްލައިނާ ޓޫރިސްޓުންނަށް މިހާރު ވަނީ ހާއްސަކޮށްފަ އެވެ. އަދި މި ސަރަހައްދުގައި ހުރި އޮޑި ފަހަރު އެ ސަރަހައްދުން ނަގަން ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަމަށް މާޔާ އިން ބުނެ އެވެ.

މާޔާގެ އެ އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި ވަރަށް ގިނަ އުޅަނދުތައް އެބައޮތް ކަމަށާއި، އެތަން ހުސްކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"ފަސްހާހެއްހާ މީހުން އަންނައިރު އެ ސަރަހައްދު ހުސްކޮށް އޮންނަން ޖެހޭ. އެހެންވެ އެކަމަށް ވާނީ އެދިފައި،" އޮފިޝަލް ވިދާޅުވި އެވެ.

މަސްވެރިން ޕާކް ސަރަހައްދު ކްރޫޒްލައިނާ ޓޫރިސްޓުނަން ދިންއިރު، މާދަމާ އާއި މިމަހުގެ 26 ވަނަ ދުވަހު ކްރޫޒްލައިނާއެއް އަންނާނެ އެވެ.

ފެސެންޖަރުލައިންތަކާއި ކްރޫޒްލައިނާ ތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. މިގޮތުން މީގެ އުޅަނދެއް ޖެޓީ ބޭނުން ކުރުމަށް ދުވާލަކު 8،000ރ. ގެ ފީއެއް ނަގަ އެވެ. އަދި ޗާޓަޑް ލައިސަންސްގެ ގޮތުގައި ދުވާލަކު 600 ޑޮލަރު (9،252ރ.) ދައްކަ އެވެ. އަދި ކްރޫޒިން ޕާމެޓްފީގެ ގޮތުގައި 5،000ރ. ނަގާއިރު، އެމްޕީއެލް އަށް 30،000ރ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އަށް 35،000ރ. ދައްކަން ޖެހެ އެވެ. އަދި ކަސްޓަމްސް އަށް 2،000ރ. ދައްކާއިރު، ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ގްރީން ޓެކުހުގެ ގޮތުގައި ހަ ޑޮލަރު ދައްކަ އެވެ.