ދުނިޔެ

ވަގުތީ ކަފާލާތެއްގެ ދަށުން ދެ ދުވަހަށް ސަލްމާން މިނިވަންކޮށްފި

May 6, 2015

މަގުމަތީގައި ނިދަން ތިބި ބައެއްގެ ގައިމަތިން ކާރު ދުއްވާފައި ދިޔަ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ބޮލީވުޑްގެ އެކްޓަރު ސަލްމާންޚާން ކަފާލާތުގެ ދަށުން ދެ ދުވަހަށް އޭނާ މިނިވަންކޮށްފި އެވެ.

މީގެ 13 އަހަރު ކުރިން 2002 ގައި މަގުމަތީގައި ނިދަން ތިބި ބައެއްގެ ގައިމަތިން ސަލްމާނުގެ ކާރު ދުއްވުމުގެ ސަބަބުން އެކަކު މަރުވެ، ހަތަރު މީހަކު ވަނީ ޒަހަމްވެފަ އެވެ. އެ މައްސަލައިގައި ސަލްމާން ފަސް އަހަރަށް ޖަލަށްލާން މުމްބާއީގެ ދަށު ކޯޓަކުން މިއަދު ހުކުމްކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރީ އެ ސްޓޭޓުގެ ހައި ކޯޓުންނެވެ.

ދެ ދުވަހަށް ސަލްމާން މިނިވަންކުރަން ހައި ކޯޓުން ނިންމީ އެ މައްސަލައިގެ ލިޔުންތައް ދަށު ކޯޓުން ހައި ކޯޓަށް ފޮނުވުމުގައި ލަސްވުމުގެ ސަބަބުންނެވެ. އެހެންވެ އިތުރު އެހެން އަމުރެއް ނާންނަހާ ހިނދަކު ސަލްމާން ދެން ޖަލަށް ގެންދާނީ ހުކުރު ދުވަހު އެވެ.

ސަލްމާން ޖަލަށްލާން ކުރި ހުކުމާ ގުޅިގެން އޭނާއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ދަނީ އެކަމުގެ ހިތާމަފާޅު ކުރަމުންނެވެ. އެ ހުކުމުގެ ސަބަބުން އޭނާ މިހާރު ކުޅެމުންދާ ގިނަ ފިލްމުތަކަށް ވެސް ހުއްޓުން އަންނާނެ ކަމަށް ބެލެވެ އެވެ.