މެޗަށް ނިކުންނަނީ ފުރަތަމަ ލެގް މެޗުގައި ސައިފް ސްޕޯޓްސް ކުލަބުން ފާހަގަ ކުރެވުނު ބަލި ފައިތައް ދެނެގެން ކަމަށާއި މިރޭގެ މެޗުގައި އެކަންކަމަށް ރިއާޔަތް ކޮށް ޓީސީން މަސައްކަތް ކުރާނެ ކަމަށް އޭއްފްސީގައި ޓީސީގެ ހެޑް ކޯޗެއްގެ ގޮތުގައި ލިސްޓް ކޮށްފައިވާ އިބްރާހިމް ހަލީމް (ޖަޑާ) ބުނެފި އެވެ.
ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އަތުގައި އޭއެފްސީ "އޭ" ލައިސެންސް ނެތުމުން، އޭއެފްސީ ކަޕުގައި ހެޑް ކޯޗެއްގެ ގޮތުގައި ނިޒާމްގެ ނަން ލިސްޓް ކުރުމަށް އޭއެފްސީން ހުއްދައެއް ނުކުރެ އެވެ. ނިޒާމް އަތުގައި އޮތީ ޔޫއެފްއާ "ބީ" ލައިސެންސެވެ.
އޭއެފްސީ ކަޕަށް ޓީމު ތައްޔާރު ކުރުމަށް ޓެކްނިކަލީ ކުރަން ޖެހޭ މަސައްކަތް ކުރަނީ ނިޒާމްގެ ބެލުމުގެ ދަށުންނެވެ. ޕްރެކްޓިހުގައި ޖަޑާ ވެސް ވަނީ ޓީމާއެކު މަސައްކަތް ކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ބަންގުލަދޭޝްގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 1-0 ންނެވެ. ޓީސީ މޮޅުވި ނަމަވެސް ސައިފުން ވަނީ މެޗުގެ ދެ ވަނަ ހާފުގައި ޓީސީއަށް ބާރު ބޮޑު ކޮށްފަ އެވެ. ގޯލްގެ ލައިންގެ އެތެރެއަށް ބޯޅަ އެތެރެ ކޮށްލުން ފިޔަވައި ހުރިހާ ކަމެއް އެ މެޗުގައި ސައިފުން ކުރި އެވެ.
"އަވޭ މެޗުގައި ބަންގްލަދޭޝް ޓީމުގެ ސްޓްރޯންގާއި ވީކްތައް ބަލާފަ، މާލޭގައި ޓީސީން ކުރި ޕްރެކްޓިސް ތަކުގައި ސައިފްގެ އެ ސްޓްރޯންގާއި ވީކަށް ފޯކަސް ކޮށް ޕްރެކްޓިސް ކޮށްފައި ވާނީ، ޓެކްނިކަލީ ހުރިހާ ތައްޔާރެއް ވެފައި މިހާރު އޮތީ."
އޭނާ ބުނީ، އެ މެޗުގައި ޓީސީން ފެނުނު ވީކްތައް ރަނގަޅު ކުރުމަށްވެސް ޓީސީން ސަމާލުކަން ދީފައި ވާނެ ކަމަށެވެ.
ޓީސީގެ ކެޕްޓަން ފައްރާހް ބުނީ ޓީސީއަކީ ޓީމަކަށް ވުރެ ބޮޑަށް އާއިލާއެއް ކަަމަށާއި އެ ރޫހް ޓީމުތެރޭގައި އެބައޮތް ކަމަށެވެ. އަދި މިރޭގެ މެޗު ކާމިޔާބު ކުރުމަށްވެސް ޓީސީން ނިކުންނާނީ އެ ރޫހްގައި ކަމަށެވެ.