ވިޔަފާރި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް 20 އަހަރު

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރައަށް 20 އަހަރު ފުރިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން 1995 ވަނަ އަހަރު މި ފިހާރަ ހުޅުވާފައި ވަނީ ގޭބިސީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހޯމް އިމްޕްރޫވްމަންޓް ފިހާރަ ހުޅުވުމަށްފަހު، ދުނިޔޭގެ ބާޒާރަށް ނެރެވޭ ނަން މަޝްހޫރު ބްރޭންޑްތަކުގެ ފަހުގެ އުފެއްދުންތައް ފަސޭހަ ގޮތެއްގައި ލިބޭނެ ގޮތް ހަދާފައިވާ ކަމަށެވެ. މި ސިޔާސަތުގެ ދަށުން، ދުނިޔެއަށް މަޝްހޫރު ބުރޭންޑްތައް ކަމަށްވާ ހިޓާޗީ، މަކިޓާ، ފިލިޕްސް، ނިޕޯން އަދި ސެމްސަންގް ފަދަ ފެންވަރު ރަނގަޅު ބްރޭންޑުތަކުގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

"ދެހާސް ބާރަވަނަ ވަނަ އަހަރު ފުޅާކުރެވުނު ސަރވިސް ސެންޓަރާއިއެކު އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ބާވަތްތައް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެންމެފުޅާ ދާއިރާއެއްގައި އާފްޓަރ ސޭލްސް ސަރވިސް އަދި ވޮރެންޓީ ހިދްމަތް ދެވިގެންދާ އުފެއްދުން ތަކަށެވެ. އަދި ހިޓާޗީ އައިސް އަލަމާރި، ފްރޮންޓް ލޯޑް ދޮންނަމެޝިން ޑެލިވަރީ ކޮށްދިނުމުގެ ހިދްމަތްވެސް ވަނީ ދޭން ފެށިފަ އެވެ،" އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ފުރާވަރުގެ އުމުރުފުރައި ނިމި 20 އަހަރު ގުނަން ފަށާފައިވާއިރު އެންމެ ބޮޑު އަމާޒަކީ ދިވެހީންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަށްޓަކައި ފޯރުކަށްދޭ އުފެއްދުން ތަކަކީ ތިމާވެއްޓާ ރައްޓެހި، ކަރަންޓް ހަރަދު ކުޑަ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ފަހުގެ މޮޅެތި އުފެއްދުންތަކަށް ހެދުން ކަމަށެވެ.

"ފާއިތުވެދިޔަ 20 އަހަރުގެ ބުރަ މަސައްކަތާއެކު އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓުން ވަނީ ދިވެހިންގެ އިތުބާރާއި ޔަގީންކަން ވިއްކާ މުދަލާއި ފޯރުކޮށްދޭ ހިދްމަތްތަކުން ހޯދާފަ އެވެ. އަދި ކުރިމަގުގެ ވެސް އަމާޒަކީ، މި އިތުބާރާ ޔަގީންކަމުގެ މަތީ މިހާރަށް ވުރެ ރަނގަޅު ކަސްޓަމަރުން ހިތްހަމަޖެހޭ އަދި ބަލައިގަންނާނެ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުން މަތީ ދެމި ތިބުމެވެ،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަށް 20 އަހަރު ފުރުމާއި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމް އިމްޕްރޫވްމަންޓުގައި އާދީއްތަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.