1 ފެބުރުއަރީގެ އަމުރު

އަވަސް އިންތިހާބަކަށް ޖާގަ ލިބެން ޖެހޭ: ރައީސް

މިހާރު ރާއްޖޭގެ ކަންތައްތައް ހުރި ގޮތުން އަވަސް އިންތިހާބަކަށް ގޮވައިލަން ފުރުސަތު އޮތް ނަމައޭ ހިތްޕުޅަށް އަރާ ވަޑައިގަންނަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ކުރިން ވެސްޓް ޕާކް ހުރި ސަރަހައްދުގައި ވެރިކަން ކުރާ ޕީޕީއެމުން އަޅާފައިވާ ޖަގަހައިގެ ކައިރީގައި އެޕާޓީން މިއަދު ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ރާއްޖޭގައި ކަންތައްތައް އޮތް ގޮތުން ރައްޔިތުންގެ ހިޔާލު ނުހޯދައި ރިޔާސީ ދައުރެއް ނިމެންދެން މަޑުކުރާކަށް ނުޖެހޭ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ ގޮތަށް އަވަސް އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އެކަމުގައި

"...އަޅުގަނޑު މިހާރު ހިތަށް އަރާ، އަޅުގަނޑު މިހާރު ހިތަށް އަރާ ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި މިއަށް ޖާގަ ނުދެވޭތީ އަޅުގަނޑު ދެރަވޭ. އެހެން ނަމަވެސް ބަރުލަމާނީ ނިޒާމު އޮންނަ ތަންތަނުގައި އެ ޖާގަ ލިބޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ވީމާ އެކަމަަށް ޖާގަ ނެލިބޭ ކަމަކީ. ބަރުލަމާނީ ނިޒާމުގައި އެމީހުންގެ ދުސްތޫރުގައި އެމީހުންގެ ގާނޫނުތަކުގައި ޖަގާ އެބަ ލިބޭ ވެރިއަކަށް ހުންނަ މީހަކަށް ، ޕްރައިމް މިނިސްޓަރަކަށް ނޫނީ ހެޑް އޮފް ގަވަމެންޓަކަށް ، ކަންތައްތައް މިހެން ބޮޑުވެގެން ދިޔައިމާ ރައްޔިތުންގެ ވިސްނުން ހުރީ ކިހިނެތްތޯ ބެލުމަށް ޓަކައި އިންތިހާބެއް އަވަސް ކުރަން ގޮވާލައި އަވަސް އިންތިހާބަކަށް ދިއުން. އެއީ އެތަން ތަނުގެ ނިޒާމު އޮންނަ ގޮތް ، ބަރުަލަމާނީ ނިޒާމެއްގައި އެކަން އޮންނަ ގޮތް. އެހެންވީމާ ދިވެހި ރާއްޖެ މިދާ ގޮތުން ، ނޫނިއްޔާ މި ދަތި ދިރިއުޅުމުގައި މިއީ ވެސް އަޅުގަނޑުމެންނަށް ލިބޭނެ ނަމަ ރަނގަޅު ފުރުސަތެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބު އަވަސް ކުރެވޭނެ ނަމަ އަވަސްކޮށްގެން ދެން ހުރި ކަންތައްތައް ހަމަޖެއްސިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެންމެން ތަބާވާ އެއްޗަކީ ގާނޫނު އަސާސީއަށާއި ގާނޫނު ތަކަށާއި އުސޫލުތަކަށް ކަމަށާއި އެ ހަަމަތަކާ އުސޫލުތައް އަލުން ކަނޑައެޅުމަށް ޓަކައި އަވަސް އިންތިހާބެއް ބާއްވަން ޖެހޭ ކަމަށެވެ. ދެން ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތީ އެމަނިކުފާނަށް ތޯ ނޫނީ އެހެން ލީޑަރަކަށްތޯ ބަލަން ޖެހޭ ކަަމަށެވެ.

އެއަށް ފަހު ސިޔާސީ ވާދަވެރިނަށް ރައީސް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވިއެވެ. އެގޮތުން އެކި ބޭބޭފުޅުންގެ ނަންފުޅުތައް ވަކި ވަކިން ފާހަގަ ކުރެއްވި އިރު އެންމެ ބޮޑު ފާޑެއް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމަށެވެ. ދެން ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދަށާއި މައުމޫނު އަބުދުލް ގައްޔޫމަށެވެ. ރައީސް މައުމޫނަކީ ޔާމީނުގެ އެއްބަފާ ބޭބޭފުޅު ވެސް މެއެވެ.

ރިޔާސީން އިންތިހާބުގެ ކެމްޕޭން ފެށިކަން ޕީޕީއެމުން ކުރިން އިއުލާނު ކޮށްފައި ވިޔަސް ރައީސް ވިދާޅުވީ ކެމްޕޭން މިއަދު އަލުން މި ފެށީ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެގެން އުޅޭ ސިޔާސީ މައްސަގަނޑުގެ އަސްލަކީ އެކި އެކި ހުކުމްތައް ކޮށްފައިވާ ބައެއް ސިޔާސީ ލީޑަރުންނާއި އެހެން ބައެއް ބޭފުޅުން މިނިވަން ކުރަން ސުޕްރީމްކޯޓުން ކުރި އަމުރަށް ސަރުކާރުން ތަބާ ނުވުމެވެ. މިއަދުގެ އެއްވުމުގައި އެކަމަށް އަލިއަޅުއްވައި ލައްވަމުން ރައީސް ވިދާޅުވީ އެ އަމުރު ތަންފީޒު ކުރައްވަން ވަގުތު ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.