ހަބަރު

ބޮޑެތި ފިއްތުންތަކެއް އޮތްކަަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި: ޑޯރިސް

ފަނޑިޔާރުންނަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރާ ހަވާލާދީ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.

ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ޑޯރިސް މިއަދު ވިދާޅުވީ އުއްތަމަ ފަނޑިޔާެރު އަބުދުﷲ ސައީދާ މިއަދު ފޯނުން ވާހަކަ ދެއްކެވި ކަަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެއްވެސް ސޮޔަކީ ފޯޖްކޮށްފައިވާ ސޮޔެއް ނޫން ކަމަށް އެގޮތުންް ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށް ވެސް ޑޯރިސް ވިދާޅުވިއެވެ.

"ފަނޑިޔާރުންނަށް އޮތް ބޮޑެތި ފިއްތުންތައް އޭނާ އަޅުގަނޑަށް ވިދާޅުވެ ދެއްވި،" ޑޯރިސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޓްވީޓް ނިންމަވައިލައްވަމުން އޭނާ ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އިހުތިރާމްކޮށް މަަަދަދު ކުރުމަކީ ހުރިހާ ދިވެހިންގެ މަސްލަހަތު އޮތް ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުން ހިމެނޭ ގޮތުން ނުވަ މީހަކު މިނިވަން ކުރުމަށެވެ. އެއަމުރު ތަންފީޒުކުރެވެން ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީނު މިއަދު ވަނީ ސުޕްރީމް ކޯޓަށް ސިޓީތަކެއް ފޮނުއްވާފައެވެ.

ކޯޓު އަމުރު ތަންފީޒުު ނުކުރާތީ އިނގިރޭސިވިލާތާއި އެމެރިކާއާއި އެހެން ބައެއް ގައުމުތަކާއި އދ. އިން އަންނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އަމުރު ތަންފީޒު ކުރަން އަންނަނީ ގޮވައިލަމުންނެވެ.