ހަބަރު

އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ އުއްތަމަ ފަނޑިޔާރު ކޯޓުގައި ހަ ގަޑިއިރު ބޭންދެއްވުމަށްފަހު ޝަރީއަތް ކެންސަލްކޮށްފައިވާކަން ކޯޓުން އަންގާފައިވާ ކަމަށެވެ. މިއަދު އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކުރީ ޝަރީއަތުގެ އަޑުއެހުމަކަށް ކަމެއް ނުވަތަ ބަންދު މަޖިލީހަކަށް ކަމެއް ސާފެއް ނުވެ އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓަރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އިތުރުން ވެސް ތިން ދައުވާއެއް އުއްތަމަ ފަނޑިޔާރަށް ކުރެ އެވެ. އެގޮތުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އެ ދައުވާ ކުރަނީ ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

ރިޝްވަތު ހިފުމުގެ ދައުވާ ވެސް އުފުލާފައިވާއިރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފަ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު މީގެކުރިން ވަނީ އިތުރުކޮށްފަ އެވެ.