ހަބަރު

މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދަށް ޓެރަރިޒަމްގެ ދައުވާ

  • އިންސާފަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރޭ
  • ދެ ފަނޑިޔާރުންނަށް ރިޝްވަތުގެ ދައުވާ
  • ހަސަން ސައީދަށް ވެސް ދައުވާތަކެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކޯޓަށް ފޮނުވައިފި އެވެ. އެ ތިން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ޓެރަރިޒަމްގެ ދައުވާގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ރައީސް މައުމޫންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. ހަމަ އެ ދައުވާ، އުއްތަމަ ފަނޑިޔާރާ ގާތް ގުޅުމެއް އޮންނަ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވެސް ވަނީ ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރެ އެވެ. ހަސަން ސައީދުގެ މައްޗަށް އެ ދައުވާކުރަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި ބުނީ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން 350،000 (ތިންލައްކަ ފަސްސާސް ހާސް ރުފިޔާ) އާއި 3300 (ތިންހާސް ތިން ސަތޭކަ ޑޮލަރު) ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކޮޓަރިތެރޭގައި ހުރި ދަބަހެއްގެ ތެރެއިން ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާ އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮވެ އެވެ.

ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމަށް ބަލާއިރު، މި ލިޔުމުގައި ބުނާ ފައިސާގެ މަންފާވެރިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އަހުމަދު މިސްފިރު އަކާއި، އަބްދުﷲ ސައީދުއަކާއި، އާއިޝަތު ހަނާއަކަށް ކަމަށާއި މައްސަލާގެ ތަހުގީގުން އަހުމަދު މިސްފިރު އަކީ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ ދަރިއެއް ކަމާއި، އަބްދުﷲ ސައީދަކީ އުއްތަމަ ފަނޑިޔާރު ކަމާއި، ހައިޝަތު ހަނާ އަކީ ހަސަން ސައީދު ހުސައިންގެ ކުރީގެ އަނބިމީހާކަން ވަނީ އެނގުނު ކަމަށް ބަޔާނުގައި ބުންޏެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށެވެ.

ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ހަސަން ސައީދު ހުސައިން ތަފާތު އެކި ދުވަސްވަރު މައްސަލާގައި ފާހަގަކޮށްފައިވާ ގައުމަށް ދަތުރުކޮށްފައިވާ ކަމާއި، އެގައުމުން މި ފަރާތަށް ގަތުމަށް ބޭނުންވި ޕްރޮޕަޓީތައް ބަލަން ދިޔަ ކަމާއި، އެތަނުން އެ ޕްރޮޕަޓީތައް ގަތުމާ ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަދައްކާފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ބަޔާނުގައި އެވެ.

ބަޔާނުގައި އިތުރަށް ބުނީ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަކީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރޭވުމު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން، އެބައިމީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާގެ ބޭނުމުގައި، އަދި މި މައްސަލާގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މި އަމުރު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތައް އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިނގާ އިންތިޒާމްކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުރި އަހުމަދު އަރީފްގެ ބޭނުން ހިފައިގެން ސުޕްރީމްކޯޓުގެ އަމުރު ނެރެންވާއިރަށް، އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށާއި ސުޕްރީމްކޯޓުން ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި، ނެރުނު އަމުރަކީ ދުރާލާ ރޭވިގެން މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއް ކަމަށް ވެސް ޕީޖީއިން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާ ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންގެ ތެރެއިން އަހުމަދު އަރީފު ބޭނުންވާ ވަކި ބަޔަކު ހޮވައި، އެކި ތަންތަނުގައި ތިބި މި މީހުން އެއްތަނަކަށް ގެނުވައި، އެއްބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާކަން މައްސަލާގައި ހޯދިފައިވާ ހޯދުންތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ. މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ވެސް ދައުވާތައް ކުރަނީ އެކަންކަމަށް ބަލައިގެން ކަމަށް ވެސް ބުންޏެވެ.