އުއްތަމަ ފަނޑިޔާރު

ރިޝްވަތުގެ ގޮތުގައި ފަނޑިޔާރުން އެތައް މިލިއަނެއް ނެގި: ޕޮލިސް

ވަކި ގޮތަކަށް ހުކުމް ނެރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެތައް މިލިއަން ރުފިޔާއެއް ނަގާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައަށް ތުހުމަތުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝްގެ ވެރިޔާ ހަސަން ސައީދު ހުސައިން އާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށެވެ.

މި ތުހުމަތުތަކާއެކު އެ ބޭފުޅުންގެ މައްޗަށް ތަހުގީގެއް ފެށި އިރު 1 ފެބުރުއަރީގެ ހުކުމާ ގުޅިގެން ސަރުކާރުން ކުއްލި ނުރައްކަލިުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެ ބޭފުޅުން ތިބީ ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ވަނީ އެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތައްކޮށްފަ އެވެ.

އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދުގެ މައްސަލާގެ ތަހުގީގުގައި އެތައް މިލިއަން ރުފިޔާ އާއި ޑޮލަރެއްގެ ޓްރާންސެކްޝަން ހެކީގެ ގޮތުގައި ހޯދިފައިވާ ކަމަށެވެ. އޭގެއިތުރުން ހަސަން ސައީދުގެ ދިރިއުޅޭ ކޮޓަރީގެ އެނދުގެ ގޮދަނޑި ދަށުން ވެސް ކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.

ރައީސް މައުމޫނަށް ކުރި ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

ފަނޑިޔާރު އަލީ ހަމީދަށް ކޮށްފައިވާ ތުހުމަތުތަކަކީ ރިޝްވަތު ހިފުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ދަތި ކުރުމާއި ދައުލަތް ހިންގުމަށް ދަތި ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމެވެ. އަލީ ހަމީދާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވާ ކަމަށާއި އެކަމާ ހެކި ހޯދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ މައްޗަށް މި ތުހުމަތުތައް ކުރި މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އަލީ ހަމީދުގެ މައްޗަށް ހިޔާނާތާއި ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ހެކި ލިބިފައިވާތީ މަގާމުން ސަސްޕެންޑްވެސް ކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގައި ފައިސާ ހިފުމާއެކު ވަކި ގޮތަކަށް ހުކުމްތައް ނެރުމާއި ގާނޫނީ ވަރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ހުރަސް އެޅުން ފަދަ ކަންކަން ހިމެނެ އެވެ. އޭނާގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ބުންޏެވެ. ހަސަން ސައީދުގެ މައްޗަށް ވެސް ރިޝްވަތު ހިފުމާއި އެ ފައިސާއިން މަންފާ ހޯދުމާއި ދައުލަތާއި ޖިނާއި އަދުލުގެ ނިޒާމް ހިންގަން ހުރަސް އުޅުން ފަދަ ތުހުމަތުތައް ކޮށްފައި ވެއެވެ.