ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ދައުވާކުރުމަށް ފޮނުވައިފި އެވެ. އޭގެއިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށް ދައުވާކުރަން ވެސް ވަނީ ފޮނުވާފަ އެވެ.

ފުލުހުން މިއަދު ބުނީ ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ ކަމަށެވެ. އެ މައްސަލާގެ ތަހުގީގު ނިމިފައިވާތީ މިއަދު ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވީ ކަމަށް ފުލުހުން ބުންޏެވެ.

ހަސަން ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ތުހުމަތުވާ މައްސަލާގެ ތަހުގީގު ނިންމުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހެން ބުނިއިރު އެ ހަތަރު ބޭފުޅުން ވެސް ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށެވެ. ނަމަވެސް އެ ތުހުމަތުގައި މިހާތަނަށް ރައީސް މައުމޫނަށް އެއްވެސް ސުވާލެއް ނުކުރާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

"ފުލުހުން އެބަ ބުނޭ ހެކި ނުދޭ ކަމަށް، އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން ހެކި ދޭން، އެކަމަކު ކޮން ހެއްކެއްތޯ ދޭނީ، ކަނޑައެޅިގެން އެބަ އިންކާރު ކުރައްވާ، އެ ހުރިހާ ކުށަކަށް އިންކާރު ކުރައްވާ، ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދޭން ވެސް ބޭނުންވޭ، އެކަމަކު ކޮން އެއްޗެއްތޯ ދޭނީ، ކިހިނެއްތޯ ހަދާނީ، އަޅުގަނޑުމެންނަށް ހެއްކެއް ނުވެސް އުފެއްދޭނެ، ފުލުހުންނަށްތާ ހެކި އުފައްދަން ވެސް މަސައްކަތް ކުރެވޭނީ،" ހެކި ނުދޭ ކަމަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން ރައީސް މައުމޫންގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެފައިވަނީ، ތަހުގީގަށް އެއްބާރުލުން ދިނުމާއި ނުދިނުން ގުޅިފައިވަނީ ތަހުގީގުގައި އެމަނިކުފާނާ ސުވާލުކުރުމުން ކަމަށެވެ. އެމަނިކުފާނާ މިހާތަނަށް އެއްވެސް ސުވާލެއް ނުކުރާއިރު ތަހުގީގަށް އެއްބާރުލުން ނުދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުވިސްނޭ ފުލުހުން އެ އެއްބާރުލުން މާނަ ކުރާ ގޮތެއް، ކޮބައިތޯ އެ އެއްބާރުލުމެއް، އެއްބާރުލުން ދިނުމަކީ އެ ބޭފުޅުން ބުނީމަ އެ ބޭފުޅުން އެކުރާ ތުހުމަތުތަކަށް އިއުތިރާފު ބަޔާނެއް ދިނުންތޯ، އެ ބޭފުޅުން ބޭނުންހާ އެއްޗެއް ލިޔެގެން އައީމަ އޭގެ ސޮއިކޮށް އެ ބަޔާން ގަބޫލުކުރުންތޯ، އެ ބޭފުޅުން ބޭނުންވާ ޖަވާބު ތަހުގީގު ދިނުންތޯ، އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް ސާފެއް ނުވޭ އެ ބޭފުޅުން އެ ވިދާޅުވާ އެއްބާރުލުމަކީ ކޮބައި ކަމެއް، އަޅުގަނޑުމެންނަށް ސާފުވާ އެއްޗަކީ ފުލުހުން އެ ބުނާ އެއްބާރުލުމަކީ ބައިނައަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ކުށެއްގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކު ދޭން ޖެހޭ އެއްބާރުލުމެއް ނޫންކަން، ގާނޫނުތަކެއް ވެސް ލާޒިމެއް ނުކުރޭ ފުލުހުން ކުރާ ތުހުމަތުތަކަށް އިއުރިރާފްވެ އެމީހުން ބޭނުންހާ އެއްޗެއް ލިޔެގެން އައީމަ އޭގަ ސޮއިކުރުމެއް،" ހިސާން ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާފަ އެވެ.