އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް މިއަދު ފެށި ޝަރީއަތް ހިންގަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނޫން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ހައްޔަރުކުރާ މީހާއަށާއި ދައުވާކުރާ މީހުންނަށް ގިނަ ހައްގުތަކެއް ބަޔާންކުރާ އަދި ޝަރީއަތް ހިންގަން ޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ގާނޫނެވެ.
ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް މިއަދު ފެށުމާއެކު އުއްތަމަ ފަނޑިޔާރުގެ ވަކީލް ހުސްނުއް ސުއޫދު އިޖުރާއީ ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެގޮތުން ޝަރީއަތް ހިންގަނީ ކޮން އިޖުރާއަތަކުންތޯ އެއްސެވި އެވެ. އެއާއެކު ގާޒީ ވިދާޅުވީ ޝަރީއަތް ހިނގަނީ އާންމު އިޖުރާއަތުގެ ދަށުން ކަމަށެވެ.
އެކަމާ ގުޅިގެން ވަކީލް ސުއޫދު ވަނީ އާންމު އިޖުރާއަތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ލިޔެފައިވާ އުސޫލެއް ނެތި ހިންގާ ކޮންމެ ޝަރީއަތެއް ވާނީ އާބިޓްރޭޝަން ޝަރީއަތަކަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެއީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރުން ޝަރީއަތް ހިންގަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ މަތިން ކަމަށެވެ.
އެއަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑްކޮށްފައިވާ ޖިނާއީ އިޖުރާއަތުގައިވާ އެއްވެސް ހައްގެއް ނުލިބޭނެ ކަމަށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ތުހުމަތު ކުރާ އަމަލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ފާހަގަކޮށްފައިވާ ސަބަބެއް ކަމަށްވާތީ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ނެތް އިރު ވެސް ޝަރީއަތްތައް ހިންގެވި ކަމަށް ގާޒީ ވިދާޅުވި އެވެ.
އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. ސުއޫދު ވަނީ އޭގެ ފަހުން ވެސް ޝަރީއަތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންތޯ އައްސަވާފަ އެވެ. ގާޒީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ގާނޫނަށް އަމަލު ކުރައްވާނެ ކަމަށެވެ. އެހެންވެ ސުއޫދު ވަނީ ދައުވާ ޖަވާބުދާރީވުމަށް އޭގެ ފަހުގެ ތާރީހެއްގައި އަޑުއެހުމެއް ތާވަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް އުއްތަމަ ފަނޑިޔާރަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ފަސް ސިޓީއެއް ބަލައިނުގެންނެވި ކަމަށް ބުނެ އެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތާ ގުޅިގެން މިހާތަނަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައެއް ނުވެ އެވެ.