ހަބަރު

ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރަށް

ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅިކަމުގެ ދައުވާ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށް ފުލުހުން އުފުލައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން މިއަދު ތަހުގީގު ކޮށްފައިވަނީ ރައީސް އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ހަތަރު ސިޓީއަކަށް އިލެކްޓްރޯނިކް ގަވަރްމެންޓް ނިޒާމް މެދުވެރިކޮށް ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅިކަމުގެ މައްސަލަ ކަމަށެވެ. -- އިލެކްޓްރޯނިކް ގަވަރްމެންޓް ނިޒާމަކީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމް ކޮށްފައިވާ ނިޒާމެކެވެ.

ހިސާން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ ކަމަށެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުން އިލެކްޓްރޯނިކް ގަވަރްމެންޓް ނިޒާމް ބޭނުން ކުރުން މަޖުބޫރުކުރާ އެއްވެސް ގާނޫނެއް ވެސް ނެތް ކަމަށެވެ.

ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅިކަމުގެ ދައުވާ އުއްތަމަ ފަނޑިޔާރަށް މިއަދު ކޮށްފައިވާއިރު އިއްޔެ ވަނީ، އެމަނިކުފާނަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ވަނީ ދައުވާކުރުމަށް ފޮނުވާފަ އެވެ. އޭގެއިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދަށްވެސް ވަނީ ދައުވާކުރަން ފޮނުވާފަ އެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެވެ. އަދި ހަސަން ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކަކީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ރިޝްވަތުގެ ފައިސާ ނެގުމާއި ބަޔަކާ ބައިވެރިވެގެން ސަރުކާރު ވައްޓާލަން އުޅުން ފަދަ ތުހުމަތުތަކެވެ.