1 ފެބުރުއަރީގެ އަމުރު

ފެނިގެން ދަނީ ޑިކްޓޭޓަރެއްގެ އަނިޔާވެރި ވެރިކަން: އިދިކޮޅު ޕީޖީ

މިހާރު މި ގައުމުން ދައުލަތެއް ހިންގާތަނެއް ފެނިގެން ނުދާ ކަމަށާއި މިހާރު ފެނިގެން މިދަނީ ހުދުމުހުތާރު ޑިކްޓޭޓަރެއްގެ އަނިޔާވެރި ވެރިކަމެއް ކަމަށް އިދިކޮޅު އިއްތިހާދުގެ ޕީޖީ ގުރޫޕުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި މިރޭ ދަންވަރު ބޭއްވި ޕްރެސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ދައުލަތުގެ ދެ ބާރު ވަނީ ޕެރެލައިޒްވެފައި ކަމަށާއި މިހާރު މި ގައުމުގައި ދައުލަތެއް ހިނގާތަނެއް ނުފެންނަ ކަމަށެވެ. މިހާރު ފެނިގެން މިދަނީ ހުދުމުހުތާރު ޑިކްޓޭޓަރެއްގެ އަނިޔާވެރި ވެރިކަމެއް ކަމަށާއި އެކަން ނިންމަން އަޒުމް ކަނޑައަޅައިގެން ތިބި ކަމަށެވެ. އަދި އެ މަސައްކަތް ނިންމާފައި ނޫނީ ގެއަށް ނުވަންނާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ހަމަ އެކަނި ގައުމަށް ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުން ކަމަށާއި ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކޮށްފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ. އަދި ވިދާޅުވީ، ސްޓޭޓް އޮފް އެމަޖެންސީއާ މެދު ސުވާލު އެފެދޭނަމަ ދާން އޮތް ތަނަކީ ސުޕްރީމް ކޯޓް ކަމަށް ގާނޫނު އަސަސީގައި ބަޔާން ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ގަރާރުގައި އެ އަމުރު ވަނީ ހުއްޓުމަކަށް ގެނެސްފައި ކަމަށެވެ.

"މިއީ ހަމަޔާއި އުސޫލުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރަން، ނެރުނު ގަރާރު ނެރުނަސް އިސްލާހީ މަސައްކަތް ނުހުއްޓާނަން، ހިތްވަރެއް ބައްޔެއް ނުކުރެވޭނެ، މަސައްކަތް ހުއްޓުވައެއް ނުލެވޭނެ، ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ދީނުގައި ކަނޑައަޅުއްވާފައިވާ މާތް އުސޫލުތަކުގެ ތެރެއިން މިކަން ނިންމާނަން،" އިބޫ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވާތީ އެކަމަށް އަލި އަޅުވާލައި އިބޫ ވިދާޅުވީ، މައުމޫން ހައްޔަރު ކޮށްފައިވަނީ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކަމަށާއި އެކަން ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ކަންކަން ކުރައްވަނީ ގާނޫނު އަސާސީން ބޭރުން ކަމަށާއި އެކަންކަން ހުއްޓުވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ކަންކަން ފެށިގެން ދިޔައީ ސުޕްރީމް ކޯޓްގެ އަމުރަކުން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ އަމުރު ތަންފީޒު ނުކުރަން ވެގެން ކަމަށެވެ. އަދި ވިދާޅުވީ، ކޯޓުތަކުގެ ބާރުތައް ކަނޑުވާލާފައިވާ ކަމަށާއި ގާނޫނު އަސާސީއާ ގާނޫނުތައް ނެގެހެއްޓުމަށް ގޮވާލާ ކަމަށެވެ.

"ކުރައްވާ ކަމަކީ އިސްލާހީ މަސައްކަތައް ހުރަސް އެޅުން، އެކަން ކުރަނީ ސަލާމަތީ ބާރުތައް ބޭނުން ކޮށްގެން، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރަން ގޮވާލަން،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ސަލާމަތީ ބާރުތަކަކީ ވަކި މީހެއްގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލް ކުރުމަށް އޮތް ތަނެއް ނޫން ކަމަށާއި ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ.