ރާއްޖޭގެ ސުޕްރީމްކޯޓުގެ އިދާރީ މަސައްކަތްތައް ނުހުއްޓި ހިނގަމުން އަންނަ ކަމަށް ޖުޑިޝަރީގެ ޓްވިޓާ އެކައުންޓުން ބުނެފިއެވެ.
ރާއްޖޭގެ ޖުޑިޝަރީގެ ޓްވިޓާ އެކައުންޓުން ކުޑަ އިރުކޮޅެއް ކުރިން ބުނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށް ދަނީ ފަނޑިޔާރުންގެ މަޖިލީހުގެ ލަފަޔާ އިރުޝާދުގެ ދަށުން ކަމަށެވެ.
ޖުޑިޝަރީގެ ޓްވިޓާ އެކައުންޓުން މިހެން ބުނެފައިވާއިރު އެ ކޯޓަށް ސިފައިން ވަދެ ރޭ މެންދަމު ވަނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހުރީ ބަންދުގަ އެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރުކުރިއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފަނޑިޔާރުންނަށް ލިބޭ އިމްތިޔާޒުތައް ވަނީ ކަނޑާލާފަ އެވެ. އެ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ސިފައިން ގަދަ ބާރުން ސުޕްރީމް ކޯޓު ތެރެއަށް ވަދެގަނެ އެ ކޯޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި އުއްތަމަ ފަނޑިޔާރު ފުލުހުންނާ ހަވާލުކުރީ ސިފައިންނެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ރޭ ހައްޔަރުކޮށްފައިވާއިރު، ފަނޑިޔާރުންނާއެކު، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން ގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.