ހަބަރު

ކުއްލި ހާލަތުގެ ގަރާރު ފާސްކުރަން 43 ބޭނުމެއް ނުވޭ، ނިންމުން ސައްހަ: އެސްސީ

  • ރައްޔިތުން އަމަލުކުރަން ޖެހޭ ކަމެއް ނެތް
  • 43 މެންބަރުން ތިބެން ނުޖެހޭ
  • ނިންމީ ތިން ފަނޑިޔާރުން އިއްތިފާގުން

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ބައެއް މެންބަރުން ސުވާލު އުފައްދާތީ އެކަމުގައި އިސްތިޝާރީ ލަފާއަކަށް މަޖިލީހުން ސުޕްރީމް ކޯޓުގައި އެދިފައިވާތީ އެވެ. ސުޕްރީމް ކޯޓުން އެ ލަފާ ނެރެވެންދެން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް އަމަލުކުރުމަށް ވަގުތީ އަމުރެއް މީގެކުރިން ނެރެފައިވެ އެވެ.

ސުޕްރީމް ކޯޓުން މިއަދު މަޖިލީހަށް ދެއްވި ލަފާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރީ ދުސްތޫރީ ގޮތުން ސައްހަކޮށް ކަމަށެވެ. އެގޮތަށް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަނޑައެޅުއްވި ސަބަބުތައް ވެސް ތަފްސީލްކޮށް ލަފާގައި ބަޔާންކުރައްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމުގެ ޖަލްސާ ބާއްވާފައިވަނީ އެ ޖަލްސާއަށް ބޭނުންވާ މެންބަރުންގެ ގާނޫނީ އަދަދަކީ މެންބަރުންގެ 25 ޕަސެންޓް ކަމަށް ބަލައިގެން ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ ގޮތަށް ހަތަރު ބައި ކުޅަ އެއްބައި މެމްބަރުންނެވެ. އެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތިބެންޖެހޭ ކަމަށް މަޖިލީހުން ބުރަވެފައިނުވާ ކަމަށެވެ. އެއީ ދުސްތޫރީ ހަމަތަކުން ބަލާއިރު ސައްހަ ކަމެއް ކަމަށެވެ.

ކުއްލި ނުރައްކަލުގެ ގަރާރުގައި ރައްޔިތުންގެ އޭގެ މައްޗަށް އަމަލުކުރަން ޖެހޭ އާންމު އަދި މުޖައްރަދު ގާއިދާތަކެއް ގަރާރެއް ނޫން ކަމަށް ވެސް ލަފާގައި ފާހަގަކޮށްފައިވެ އެވެ. ގަރާރުގައި ރައްޔިތުން އެއަށް ސީދާ އަމަލުކުރަން ޖެހޭ ކަމެއް ފާސްކުރި ކަމަށް ވާނީ ގަރާރު ތަންފީޒުކުރުމަށް ވަކި ގާނޫނުތަކެއް ނޫނީ ގަވައިދުތަކެއް ހަދަން ބޭނުންވެ އެކަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ތަންފީޒުކުރުމަށް ގާނޫނެއް ނުވަތަ ގަވައިދެއް މަޖިލީހުން ފާސްކޮށްފައިނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަންކަމުގައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ދެބައިކޮށްފަ އެއްބައި މެންބަރުން މަޖިލީހުގައި ތިބެގެން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީގެ 88 ވަނަ މާއްދާއިން ބާރު ލިބިގެން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބަޔާންކޮށްފައިނުވާކަން ވެސް ސުޕްރީމް ކޯޓުގެ ލަފާގައި ފާހަގަކުރި އެވެ.

މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައިވެ އެވެ؛ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮޮށްފައިވާ ހިނދު ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މި ގަވާއިދުގެ މަގުސަދަށްޓަކައި ބުނެފައި އެވަނީ އަންނަނިވި ކަންކަމެވެ.

  • ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ގާނޫނެއް ފާސްކުރުމަށް
  • ރައްޔިތުން ވަކިގޮތަކަށް އަމަލު ކުރުން ނުވަތަ ނުކުރުން ލާޒިމު ކުރާ ގާނޫނެއް ފާސްކުރުމަށް
  • ރައްޔިތުންގެ އަތުން ފައިސާ ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް
  • ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް
  • ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް
  • ރައްޔިތުން އުފުލަންޖެހޭ ޝަހުސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް

އެހެންކަމަށްވާއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ އަދަދަށް ގަރާރު ފާސްކުރަން މެންބަރުން ބޭނުންނުވާ ކަން ސާފުވާ ކަމަށާއި އެކަމަށް ބޭނުން ވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބުނާ އަދަދަށް މެންބަރުން ކަމަށް ލަފާގައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 38 މެންބަރުން ތިއްބަަވައިގެންނެވެ. އިދިކޮޅު މެންބަރުން އެ ޖަލްސާ ބޮއިކޮޓްކުރުމުން 43 މެންބަރުން ތަޅުމުގައި ހަމައެއް ނުވެ އެވެ. އެހެންވެ އިދިކޮޅު މެންބަރުންނާއި ވަކީލުން ގެންދެވީ ގަރާރު ފާސްކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ވިދާޅުވަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕްރޮސިކިއުޓާ ޖަނަރަލް އައިޝަތު ބިޝާމް ވެސް ވަނީ އެގޮތަށް ނިންމަވައި، ފުލުހުންނަށް އެކަމަނާގެ ލަފާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު ނިމިފައިވާ ކަމަށް ވިދާޅުވެ ފޮނުއްވާފަ އެވެ.