( 21 އޮކްޓޯބަރ 2024 އާ ގުޅޭ )
ކާރާ ހަމައަށް އާދެވުމުން ފިރާޝް އަވަހަށް އައިސް ކާރުގެ ފަހަތު ދޮރުފަތް ހުޅާވާލަ ދިނެވެ. ދެން އޭނާ ގޮސް ފޮށިތައް ކާރަށް އަރުވައިފި އެވެ. އެކަން ކޮށްފައި އަންނަންވީއިރު މާޔާ އިނީ ކާރަށް އަރައި ހަމަޖެހިލައިގެންނެވެ. އެހެންވެ ލަސްނުކޮށް ފިރާޝް ކާރަށް އަރައި ދުއްވާލައިފި އެވެ.
"ހުޅުމާލެއަށް ދޯ." ފިރާޝް އަހާލި އެވެ.
"ހޫމް. ގެއަށް ދާނީ." މާޔާ ބުންޏެވެ.
"މީ... ރާހިން ބުނެގެން... މާޔާ މިކޮޅަށް އައީމާ ހަވާލު ކުރާށޭ ބުނީ." ފިރާޝްއާ ޖެހިގެން ހުރި ކުރީ ސީޓުގެ މަތިން ކޮތަޅެއް ނަގައި މާޔާއަށް ދިއްކޮށްލި އެވެ.
"ރާހިން." ފިރާޝް ދިއްކޮށްލި ކޮތަޅުގައި ހިފާލައި އޭގެ ތެރެއަށް ބަލާލާފައި މާޔާއަށް މަޑުމަޑުން ކިޔާލެވުނެވެ.
ކޮތަޅުގެ ތެރޭގައި އޮތީ ފޯނެކެވެ. މާޔާގެ އަތުގައި ފޯނެއް ނެތެވެ. ރާހިންއާއެކު ފުރައިގެން ދިޔައިރު ވެސް މާޔާ ހުރީ ފޯނެއް ބޭނުންވެފަ އެވެ. އިޒީކިއަލްއާ ބައްދަލުވުން ހަމަޖެއްސިއިރު ވެސް މާޔާއަށް ފޯނެއް މުހިންމުކަން ރާހިންއަށް އެނގޭނެ އެވެ. އެހެންނަމަވެސް ގެއިން ބޭރަށް ނުކުންނާނޭ ފުރުޞަތެއް މާޔާއަށް ރާހިން ނުދެ އެވެ. ފުރައިގެން ޑުބާއީއަށް އައުމަށްފަހު ވެސް ފޯނެއް ހޯދުން ފަސްކުރާން މާޔާއަށް މަޖުބޫރުވީ ރާހިންއާ ކައިވެނި ކުރާން ތައްޔާރީތައް ވަމުންދާތީ އެވެ.
"އަހަރެންނަށް ފޯނެއް ބޭނުންވާނެކަން އެނގިހުރެ ފޯނެއް ހޯދާނޭ ފުރުޞަތު ކުރީން ރާހިން ނުދިނީ އިޒީކިއަލްއާ އަހަރެން ވާހަކަދައްކާފާނެތީ." ހިތާހިތުން މާޔާ ކިޔާލި އެވެ.
ހުޅުމާލޭގައި މާޔާ ދިރިއުޅޭ އެޕާޓްމެންޓް ހުންނަ އިމާރާތުގެ ކުރިމައްޗަށް ވާހެން ފިރާޝް ކާރު މަޑުކޮށްލި އެވެ. އެއާއެކު މާޔާ ކާރުން ފައިބައިފި އެވެ. ފިރާޝް ވެސް ޑްރައިވަރު ސީޓުން ފައިބައިގެން އައިސް ކާރަށް އެރުވި މާޔާގެ ފޮށިތައް ބާލައިދީ އެ ހިފައިގެން އިމާރާތުގެ ތެރެއަށް ހިނގައިގަތެވެ.
"ފިރާޝް މައްޗަށް ނޭރިޔަސް އޯކޭ. އަހަރެން ފޮށިތައް ގެންގޮސްދާނަން." ދެ ފޮށީގެ އަތް ގަނޑުގައި ހިފާލަމުން މާޔާ ބުންޏެވެ.
"އެޕާޓްމެންޓާ ހަމައަށް ގެންގޮސްދީފާނަމޭ. މީ ދެން އެހާވަރު ކަމެއްނޫން." ފިރާޝް ބުންޏެވެ.
ފިރާޝް އެފަދައިން އެބުނަނީ ރާހިން އޭނާއަށް އިރުޝާދު ދީފައި އޮތީކަން މާޔާއަށް ދެނެގަންނަން އެނގެ އެވެ. އިތުރު ވާހަކައެއް ނުދައްކައި އިމާރާތުގެ ލިފްޓަށް ފިރާޝްއާއެކު މާޔާ އެރި އެވެ. އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް ލިފްޓު ހުއްޓި އޭގެ ދޮރު ހުޅުވެންވާއިރަށް މާޔާ އަޅުވާލާފައި ހުރި އަތްދަބަހުގެ ތެރެއިން އޭނާ ކީކާޑެއް ނެގި އެވެ. ފިރާޝް އެނބުރި ދިޔައީ މާޔާގެ އެޕާޓްމެންޓް ދޮރުން ފޮށިތައް ގޭތެރެއަށް ވައްދާލަދީފަ އެވެ. އަދި ކަމެއް ޖެހިއްޖެނަމަ އޭނާއަށް ގުޅާން ވެސް ބުނެފަ އެވެ.
ދޮރު ލައްޕާލި ގޮތަށް މާޔާ އައިސް ސޯފާގައި އިށީނީ އެވެ. ކުރިމަތީ ހުރި ކޮފީމޭޒުމަތީ އަތްދަބަހާއި ފޯނު ލާފައި އޮތް ކޮތަޅު ބަހައްޓާލި އެވެ. ދެންފެނުނީ މާޔާގެ ހަށިގަނޑު ސޯފާގެ ތެރެއަށް ދޫކޮށްލައި ފުން ނޭވާއެއް ދޫކޮށްލިތަނެވެ. ދެ އަތްތިލައިން ނިތްކުރީގައި މާޔާ ފިރުމާލި އެވެ. އިރުކޮޅަކު ހަރަކާތެއްނުކޮށް ނިތްކުރީގައި ދެ އަތް ޖައްސާލައިގެން އިނުމަށްފަހު މާޔާ ކޮޅަށް ތެދުވި އެވެ. ދެ ފޮށި ދަމަމުން އައިސް އޭނާ ވަނީ ކޮޓަރިއަށެވެ. ލައިގެން ހުރި ހެދުން ހަށިގަނޑުން ވަކިކޮށްލައި ތަޅުން މައްޗަށް ދޫކޮށްލާފައި މާޔާ ވަނީ ފާޚާނާ އަށެވެ. ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްލައި މީހާ ތާޒާވެލަން އޭނާ ބޭނުންވީ އެވެ.
* * * * *
އިރުއޮއްސެމުން އައި ވަގުތެވެ. ރަތުރަނުން ޖަރީވެފައިވާ އުދަރެހަށް ގެއްލިފައި އިޒީކިއަލް ހުއްޓެވެ. އޭނާގެ ދެ ލޮލުން ފެންނަނީ ހުސްކަމެވެ. މޫނުމަތި މިލާފައިވާ ކަހަލަ އެވެ. ބެލްކަނީގައި ހުރެފައި އިޒީކިއަލް ކޮޓަރިއަށް ވަނީ ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ރިންގުވާތީ އެވެ. ފޯނު އޮތް ހިސާބަށް އާދެވުމާއެކު އޭނާއަށް ގުޅަނީ ޒާހިލްކަން އެނގުނެވެ. އޭނާ ވަގުތުން ފޯނުކޯލަށް ޖަވާބު ދީފި އެވެ.
"ކޮބާ؟... އޮޅުންފިލައިފިތަ؟." ފުރަތަމަ ވެސް ވާހަކަދެއްކީ އިޒީކިއަލް އެވެ. ޔަޤީނުން ވެސް އޭނާގެ އަޑުން އެކަނި ވެސް ކެތްތެރިކަމެއް ނެތްކަން ފާޅުވެ އެވެ.
"ބްރޯ... މާޔާ މާލެ އަތުވެއްޖެ... އައި މީން މިޔާ." ޒާހިލް ވެސް ވާހަކަދެއްކީ ނިކަން އަވަސްއަރުވާލައިފަ އެވެ.
"ކޮންއިރަކު؟. ޔަޤީންތަ؟." އިޒީކިއަލްއަށް އަހާލެވުނެވެ.
"ހަވީރު ފަންނައަށް ގުޅީ. އަހަރެން މިހުރީ ހުޅުމާލޭގައި. މިޔާގެ ކައިރިޔަށް ފަންނަ ލާފައި މި ނުކުތީ. މިޔާގެ އެޕާޓްމެންޓަށް... ފަންނަ އެތެރެއަށް ވަންއިރު އަހަރެންގެ ދެ ލޮލުން ދުށީމޭ މިޔާ." ޒާހިލް ބުންޏެވެ.
"އޯ ތޭންކް ގޯޑް." އިޒީކިއަލްއަށް ބުނެވުނެވެ.
"މިޔާ ކައިރިޔަށް ދާން ބޭނުން." ޒާހިލްގެ ޖަވާބަކަށް މަޑުކުރުމެއްނެތި އިޒީކިއަލް ބުނެލި އެވެ.
"މިވަގުތަކުނޫން. ފަންނައާ މީޓުކުރީމަ އޭގެ ފަހުގައި... މީ އެ ދެ މީހުންނަށް ވަރަށް މުހިންމު ވަގުތުކޮޅެއް. މިޔާގެ ޚަބަރު ފަންނަ ކިޔާދޭނެ. މިޔާގެ ހާލު އޮޅުންފިލާނީ އެހިސާބުން. ހުރިހާކަމެއް ގައިމުކޮށްފައި މީޓުކުރަން ދާންވާނީ." ޒާހިލް ލަފާ ދިނެވެ.
"ރާހިން ކޮބާ؟. އޭނާ ހުރިތަ މިޔާއާއެކީ؟." އިޒީކިއަލްއަށް އަހާލެވުނެވެ.
"ނުދެކެން. މިޔާ އެކަނި ހުރީ." ޒާހިލް ބުންޏެވެ.
"ފަންނަ ބަލާދަމުން އަހަރެންނަށް އަންގާލައްޗޭ." އިޒީކިއަލް ބުންޏެވެ.
ފޯނުކޯލު ނިންމާލުމާއެކު ފުން ވިސްނުމުގެ ތެރެއަށް އިޒީކިއަލް ދިޔަ އެވެ. އޭނާ ސިކުނޑީގެ ތެރޭގައި ކަންކަން ރާވަންފެށި އެވެ. މާޔާގެ ކުރިމައްޗަށް އަރާނޭ ގޮތަކާމެދު އެވެ. ބައްދަލުކުރާން ގޮސް ދައްކާނޭ ވާހަކައަކާމެދު އެވެ.
* * * * *
"ކޮންމެވެސް އެއްޗެއް ބުނެބާ." މާޔާއަށް ބުނެވުނެވެ.
ފެންވަރާލައިގެން ނުކުމެ މީހާ ހަމައަކަށް އެޅުމަށްފަހު މާޔާ ގުޅީ ފައިނާނަށެވެ. އެކުވެރިޔާ ހީވީ އޭނާގެ ފޯނުކޯލެއް ނައިސްގެން ހުރިގެންނެވެ. ވަގުތުން ފައިނާނު އަންނަނީކަން ބުނީމާ މާޔާ ދެކޮޅެއް ނުހެދި އެވެ. އޭނާ ވެސް އިނީ ފައިނާންއާ ބައްދަލުކުރާން ބޭނުންވެފަ އެވެ. އިޒީކިއަލްއާއި ހައިކްގެ ހަޤީޤަތް ފައިނާނު ކައިރީ ބުނަން ބޭނުންވެފަ އެވެ.
"އަހަރެންނަށް މިޔާގެ އެއްވެސް ކަމެއް ނޭނގޭ. ކީކޭ އަހަރެން ބުނަންވީ... ޒާހިލްގެ ފަރާތުން އަހަރެންނަށް އެނގުނީ މިޔާ މެރީ ކުރީ އިޒީކިއަލްއާކަން. ތި ދެ މީހުންގެ ދަރިއަކު ވެސް އެބަހުރިކަން. އޭނާ ކަހަލަ މީހަކުދެކެ މިޔާ ތިހާ ލޯބިވާތީ ހަމަ އަޖައިބުވޭ. އޭނާއާ ލުހާމާ ހުރީ ކޮންތަފާތެއް. އަހަރެންނަށް އެ ދެ މީހުން ވެސް އެއްވަރު..." ފައިނާނުގެ އަތުގައި މާޔާ ހިފާލުމާއެކު އޭނާ ދައްކަމުންދިޔަ ވާހަކަ ހުއްޓާލައިފި އެވެ.
"އަހަރެންނަށް ހެޔޮ އެދޭ ކޮންމެ މީހަކު ދައްކަނީ އެއްވާހަކައެއް. ޕްލީޒް ނާނު. ލުހާމާއި އިޒީކިއަލް އެއްވަރެއްނުވާނެ. އަހަރެން ނުވިސްނަނީއެއްނޫން. ވަރަށް ބޮޑަށް ވިސްނާފައި މި ޑިޒިޝަން މޭކް ކުރީ. އަހަރެން ޤަބޫލުކުރަން ރާހިންއަކީ ޕާފެކްޓް މީހެއް. އެކަމަކު ޕާފެކްޓް މީހުން އުޅޭތަ؟. ކައިވެންޏަކީ ވަރަށް ބޮޑު ނިންމުމެއް. އަނެއްކޮޅުން އަހަރެންނަށް އިޒީކިއަލްއާ ދުރެއްނުވެވުނު. އަހަރެންގެ ހިތް އަދިވެސް އެ ލޯތްބަށް އެދޭ. އޭނާއަށް ދެވަނަ ފުރުޞަތެއް ދޭން އަހަރެން ބޭނުން. މިހެން ނިންމުއިރު ހައިކްއާ މެދު އަހަރެން އެންމެ ބޮޑަށް ވިސްނީ. ނާނު... އެކުއްޖާ އެ ހުރީ 5 އަހަރުވެފައި. މިހާ ދުވަހު އެކުއްޖާ ހުރީ އިޒީކިއަލްގެ ކައިރީ. އެއީ ބައްޕަ. އިޒީކިއަލް އެކަން އަހަރެންނަށް ސިއްރުކުރުން އެއީ އޭނާ ކުރި ރަނގަޅުކަމެއްނޫން. އެކަމަކު އޭނާގެ ރީޒަންސް އަހަރެންނަށް ޤަބޫލުކުރެވޭ. އަހަރެންނަށް އިޒީކިއަލް ހުރިހާ ވާހަކައެއް ކިޔައިދީފި. އޭނާ އަހަރެންގެ ކައިރިން ފުރުޞަތަކަށް އެދުނު. ނާނު ނިކަން ވިސްނާލާފައި ބުނެބަލަ. އިޒީކިއަލްއަށް އަންހެނުން ނުވާނީތަ؟. އޭނާ ބޭނުމިއްޔާ ތިން ހަތަރު އަނބިން ވެސް އޭނާއަށް ހޯދި ދާނެ. އޭނާ އަހަރެން ކައިރިން ލޯތްބަށް ސަލާންޖަހަން ޖެހޭނެތަ؟. މިހާ ދުވަހު އޭނާއަށް ހައިކްގެ އެއްވެސް ކަމެއްގައި އަހަރެންގެ އެހީ ބޭނުންވިތަ؟. އަޅެ ނާނު ބުނެބަލަ..." މާޔާއަށް ފައިނާނުގެ އަތުގައި ހިފައި ތަޅުވާލެވުނެވެ.
"ދޮގެއްނޫން. އިޒީކިއަލްއަށް އަންހެނަކު ނުލިބި ނުހުންނާނެ. ފަސް އަހަރުވަންދެން ދަރިފުޅު އެ ގުންގުޅީ އަމިއްލައަށް." ފައިނާނު މަޑުމަޑުން ބުންޏެވެ. އެއާއެކު އަނެއްކާ ވެސް މާޔާ ވާހަކަދައްކަން ފެށި އެވެ.
"އިޒީކިއަލް ކައިރިން ވަރިވެގެން ވެސް އަހަރެންނަށް އޭނާއާ ދުރަށް ނުދެވުނީ އިޒީކިއަލްގެ ސަބަބުން. އޭނާ އަހަރެން ދުރަށްދިޔަ ނުދިނީ. ކުރީން އަހަރެމެންގެ ދެމެދުގައި އޮތީ އެއްފަރާތުން ވެވުނު ލޯތްބެއް. އެކަމަކު މިހާރު... މިހާރު އަހަރެންނަށް އެނގޭ އިޒީކިއަލް ފުރުޞަތަކަށް އެ އެދެނީ އޭނާގެ ހިތުގައި އިޙްސާސްތަކެއް އަހަރެންގެ މައްޗަށް އުފެދިފައި އޮތީމަކަން... އިޒީކިއަލް ލޯބިވެޔޭ ބުނަން ވެސް ބުނި. މިފަހަރު އަހަރެންނަށް އޭނާގެ ފުށުން ޑެސްޕަރޭޝަން ފެނުނު. ހަޤީޤަތުގައި ވެސް އޭނާ އަހަރެން ބޭނުންކަން. އެވަރު ޔަޤީންވީމާ އަހަރެން ދެންވީ އޭނާއަށް ފިލާވަޅެއް ދޭށޭ ކިޔާފައި އޭނާގެ ހިތް ހަލާކުކޮށްލާފައި ގޮސް އަހަރެން ލޯބިނުވާ މީހަކާ އިންނަންތަ؟. ދުވަހަކުވެސް މީހަކު އަހަރެންގެ ހިތުގައި ނުޖައްސާވަރަށް އިޒީކިއަލް އަހަރެންގެ ހިތުގައި ޖެއްސި. އަހަރެން އެކަމާ އެއްބަސްވަން. އަހަރެން އަމިއްލައަށް މަރުވާން މަސައްކަތްކުރީ ވެސް އޭނާ ދިން ހިތްދަތިކަމުން އަރައިނުގަނެވިގެން. ތެދަށް ބުނަންޏާ އިޒީކިއަލްގެ އަމިއްލަ ބޭނުމެއް ފުއްދުމަށް ޓަކައި އަހަރެން ޔޫސްކޮށްލީ... އައި ނޯ ދެޓް. އެ ހުރިހާކަމެއް އެނގުނީމާ ވެސް އަހަރެން ހިތާއި ޟަމީރު ވެސް ބުނަނީ އިޒީކިއަލްއަށް އަދި އެއްފުރުޞަތު ދޭށޭ. ނާނު... އައި ޖަސްޓް ވޯންޓް ޓު ގިވް ހިމް އަނަދަރ ޗާންސް. ކުރިޔަށްވާނޭ ގޮތެއް އެއްވެސް މީހަކަށް އެނގޭތަ؟. ކިހިނެއް އެނގެނީ އަހަރެންނަށް ދިން ހިތާމައަށްވުރެ ބޮޑު އުފާވެރިކަމެއް އިޒީކިއަލްގެ ފުށުން ލިބޭން ނެތްކަމެއް." މާޔާގެ އިޙްސާސްތައް އެންމެ ގާތް އެކުވެރިޔާގެ ކުރިމަތީ ބަންޑުންކޮށްލި އެވެ.
"އަހަރެން އަބަދުވެސް އެދެނީ މިޔާ އުފަލުގައި ހުންނަން. އުނދަގޫވެގެން މިއުޅެނީ އިޒީކިއަލްއަށް އިތުބާރު ކުރާން." ފައިނާނު ބުންޏެވެ.
"އަހަރެންގެ ހިތުގައި ބިރުވެރިކަން ނެތީއެއްނޫން. ވާނޭގޮތެއްނޭނގޭތީ، އަދި ޔަޤީންކަމެއްނެތީއޭ ކިޔާފައި އެކަމަކާ ކުރިމަތިނުލައިފިނަމަ އަހަރެންނަށް އަބަދުވެސް އަމިއްލަ ނަފްސާ އެ ސުވާލު ކުރެވޭނެ. އިޒީކިއަލްއަށް ފުރުޞަތެއް ދިންނަމަ ދިރިއުޅުން ބަދަލުވެގެން ދާނީ ކިހިނެއްބާއޭ. އަހަރެން ލޯބިވާ މީހާގެ ހިތް މިލްކުކުރެވުނީސް ހެއްޔޭ. ނޫނީ އަނެއްކާވެސް އަހަރެން ދުށް ހުވަފެންތައް ސައިބޯނި ބޮތްކެއްހެން ފަޅައިގެންދާނީބާއޭ. ނާނު... ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަހަރެން މީ ކުރީގެ މިޔާއެއްނޫން. ޤަބޫލުކުރޭ. އަހަރެން އަމިއްލަ ނަފްސުގެ މައްޗަށް އެ ޔަޤީންކަން އެބައޮތް. އަހަރެން އިޒީކިއަލްދެކެ ކިތަންމެ ލޯބިވިޔަސް އޭނާ ބޭނުންހާ ގޮތަކަށް އަހަރެންނާމެދު ކަންތައްކުރާންދެން ނުހުންނާނަން. ނާނުއަށް އެނގޭތަ!... އަހަރެން ބަނޑުބޮޑުއިރު އަބަދުވެސް ހިތް ބުނަމުން އައީ އަހަރެންނާއި އިޒީކިއަލްއާ ގާތްކޮށްދޭނެ ފަރާތަކަށް އަހަރެމެންގެ ދަރިފުޅުވާނޭ. ނިކަން ކަންތައްވީ ގޮތް ދެކެބަލަ... އަހަރެންނަށް އަހަރެންގެ ދަރިފުޅާ ބައްދަލުވި ހިސާބުން އަހަރެން އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނުލެއް ލަހެއްނުވި." ފެންކަޅިވެފައި އިނދެ މާޔާ ބުންޏެވެ.
"އަހަރެން މިޔާގެ އުފަލަކަށް ހުރަހެއް ނާޅާނަން. އެކަމަކު ވަޢުދުވޭ ދެން ދުވަހަކުވެސް އަހަރެންނަށް ކަމެއް ސިއްރު ނުކުރާނަންކަން. ކަމެއްޖެހޭ ވަގުތު އެންމެ ފުރަތަމަ ވެސް އަހަރެން ކައިރީ އެ ވާހަކައެއް ބުނާނަންކަން." މާޔާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ފައިނާނު ބުންޏެވެ. އެއާއެކު މާޔާ ނިކަން އަވަހަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލައިފި އެވެ.
"ދެން ކިހިނެއް ހަދަން ތި ގަސްދުކުރަނީ؟. އިޒީކިއަލްއަށް ގުޅަންތަ؟." ފައިނާނު އަހާލި އެވެ.
"ގުޅައިގެން ދޯ ވާހަކަދެއްކޭނީ. އަހަރެން އަދިވެސް އެއްފަހަރު އޭނާ ބޭނުންވާގޮތް އެނގެން ބޭނުން. ހައިކްއަށް އަހަރެން މީ މަންމަކަން ބުނެދޭން އެންމެ ބޭނުންވަނީ. އެ ހުރިހާ ކަމެއް ކުރެވޭނީ އިޒީކިއަލްއާ ވާހަކަދެއްކިގެން." މާޔާ ބުންޏެވެ.
"އެކަނިތަ ބައްދަލު ކުރާނީ. މިޔާ ބުނެފިއްޔާ އަހަރެން ހުންނާނަން." ފައިނާނު ބުންޏެވެ.
"އަހަރެން ބޭނުމީ އެކަނި ބައްދަލުކުރާން. ގެއަށް ގެންނާކަށް ބޭނުމެއްނޫން. އިޒީކިއަލްގެ ގޮތް އަހަރެންނަށް އެނގޭ. އޭނާއަށް އަހަރެންގެ މައްޗަށް ގަދަވެގަންނާނޭ ފުރުޞަތެއް ދޭކަށް ބޭނުމެއްނޫން. ދެ މީހުންނަށް ހަމަޖެހިގެން ވާހަކަދެއްކޭނީ ބޭރުން ބައްދަލުކޮށްގެން. ހިތަށް އަރަނީ ކޮފީއަކަށް އަންނަން މެސެޖުކޮށްފައި ބުނާނީއޭ." މާޔާގެ ވިސްނުން ހުރި ގޮތް ކިޔާދިނެވެ.
"މި ގޭތެރޭގައި ދެ މީހުން އެކަނިވުމަށްވުރެ ތިގޮތް ރަނގަޅުވާނެހެން މަށަށް ވެސް ހީވަނީ." ފައިނާނު ބުންޏެވެ. މާޔާ ބޯޖަހާލީ އެވެ.
މާޔާ ކުރިޔަށް ކަންކަން ރޭވީ ވަރަށް ވިސްނުންތެރިކަމާއެކީ އެވެ. ފައިނާނުގެ ޚިޔާލު ވެސް ހޯދައިގެންނެވެ. ނަމަވެސް ކަންތައްވީ އޭނާ ހީ ވެސް ނުކުރާ ފަދަ ގޮތަކަށެވެ. އިޝާ ނަމާދަށް ގޮވަން ކައިރިވެފައި ހުއްޓާ ޒާހިލްއާއެކު ފައިނާނު އެނބުރި ގެއަށް ދިޔައީ އިޒީކިއަލްއާ ބައްދަލުކޮށްފައި އައިސް އެ ދެމެދުގައި ކަންތައް ހިނގައިދިޔަގޮތް ކިޔައިދޭން މާޔާގެ ކައިރީން އެދިފަ އެވެ. އެކުވެރިޔާ ނުކުމެގެން ދިޔަތާ ދޮޅުގަޑިއިރެއްހާ ފަހުން މާޔާގެ ސަމާލުކަން އަތުލީ އެޕާޓްމެންޓްގެ ބެލް އަޅާލީ އަޑުންނެވެ. ފައިނާނު ފިޔަވައި އިތުރު މީހަކަށް މާޔާ އައިސް އުޅޭކަން ނޭނގޭނެކަން އޭނާ އަމިއްލައަށް ޔަޤީންކުރި އެވެ. ކުޑަކޮށްވެސް ހަނދާނުގައި ނެތީ ފައިނާނުގެ ފިރިމީހާ ޒާހިލްއަކީ އިޒީކިއަލްގެ އެއް އަތް ކަމެވެ. ދޮރުމަތީ ހުރި ޒާހިލްއަށް މާޔާ ފެނުނު ހިސާބުން އިޒީކިއަލްއާ ހަމައަށް ހޫނުކަމާއި ތާޒާކަމާއެކު ޚަބަރު އޮންނާނީ ފޯރައިފައި ކަމެވެ.
މާޔާ އައިސް ދޮރުގައިވާ ބިއްލޫރިކޮޅުގައި އެއް ލޯ ޖަހާލި އެވެ. ސިހިގެން ދިއުމާއެކު މުޅި ހަށިގަނޑަށް އަރައިގަތް ފިނިގަނޑުން މާޔާއަށް ހީވީ ގަނޑުފެނުގެ ފެން އެއްޗަކަށް މީހާއަށް އެރެވުނުހެންނެވެ. ހަށިގަނޑު ހިމާޔަތްކޮށްލާ ފަދައަކުން މެޔާ ދިމާއިން ދެ އަތް ވަށާލަމުން މާޔާއަށް ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. އަނެއްކާ ވެސް ބެލްއެޅި އަޑު އިވިގެން ދިޔަ އެވެ. ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ހިތަށް ވިސްނައިދެމުން މާޔާ ފުންނޭވާތަކެއް ދޫކޮށްލި އެވެ. ނަފްސު ހަމައަކަށް އެޅިލުމުން އޭނާ ދޮރުހުޅުވާލި އެވެ. ދެން ލިބުނު ހައިރާންކަން ވަކިން ބޮޑެވެ. ދެ ލޯ ބޮޑުކޮށްލައިގެން މާޔާއަށް ބަލަން ހުރެވުނީ ކުރިމަތީން ފެންނަ އިޒީކިއަލްގެ ވައަތުގެ އިނގިލިތަކުގައި ހިފާލައިގެން ހުރި ހައިކްއަށެވެ.
(ނުނިމޭ)