ސުޕްރީމް ކޯޓް

12 މެންބަރުން މަޖިލީހަށް ވެއްދުން މަޑުޖައްސާލަން އަމުރުކޮށްފި

Feb 18, 2018
22

ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓްގެ އިއްތިފާގުން ނެރެފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރަން އެ ކޯޓްގެ ތިން ފަނޑިޔާރުންގެ ބެންޗުން މިއަދު އަމުރު ކޮށްފި އެވެ.

ސުޕްރީމް ކޯޓްގެ ފުލް ބެންޗް ކަމަށްވާ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 1 ފެބުރުއަރީގައި ނެރެފައިވާ އެ ހުކުމުގައިވާ މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ކޮށްފައިވާ އަމުރަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ބެންޗްގެ ތިން ފަނޑިޔާރުން ނެރުނު އަމުރުގައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް 1 ފެބުރުއަރީގެ ސުޕްރީމް ކޯޓްގައި އަމުރުގައި ބުނެފައިވާ ބައި ބާތިލްކޮށްދޭން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ އަމުރާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އެ ކޯޓުން އަންގާނީ އޭޖީ ހުށަހެޅުއްވި މައްސަލަ ބެއްލެވުމަށް ފަހު ކަމަށް ވެސް ތިން ފަނޑިޔާރުންގެ އަމުރުގައިވެ އެވެ. ތިން ފަނޑިޔާރުންގެ ބެންޗުން މިގޮތަށް އަމުރު ނެރުނު އިރު، މަޖިލީހުގެ ޖަލްސާއެއް މާދަމާ 9:00 ގައި މަޖިލިސް ކުރާ ގޭގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މީގެ އިތުރަށް އެއްވެސް ކޯޓަކަށް އިސް ފަނޑިޔާރުން އައްޔަން ކުރާނީ ސުޕްރީމް ކޯޓްގެ ލަފާގެ މަތިން ކަމަށް ސުޕްރީމް ކޯޓްގެ 1 ފެބުރުއަރީގެ އަމުރުގައި ބުނެފައިވާ ބަޔަށް ވެސް އަމަލު ކުރުން މަޑު ޖައްސާލަން ވަނީ އަމުރުނެރެފަ އެވެ.

ސަރުކާރަށް ބުރަވާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްތައް ނެރެން ފަށާފައި މި ވަނީ، ފެބުރުއަރީ 1ގެ އަމުރަށް އަމަލުނުކުރުމަށް ސްޓޭޓް އޮފް އެމެޖްސީ އިއުލާންކޮށް، އެ ކޯޓްގެ ބާރުތައް ހުއްޓުވާލައި އުއްތަމަ ފަނިޔާރާއި ބެންޗްގައި ދެން އިންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދު ސިފައިން ފޮނުވައި ހައްޔަރުކުރުމަށް ފަހު އެވެ. އެބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު ވެސް ވަނީ އުފުލައިފަ އެވެ. އަދި އެބޭފުޅުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވަމުން އަންނަ ކަމަށް އެބޭފުޅުންގެ އާއިލާއިން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.