ހަބަރު

އުއްތަމަ ފަނޑިޔާރު އޮންނެވީ އާދައިގެ ކުޑަ ގޮޅިއެއްގައި: ހިސާން

މިހާރު ހައްޔަރުގައި ހުންނެވި އަދި ސަސްޕެންޑްކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަހައްޓާފައިވަނީ އާދައިގެ ކުޑަ ގޮޅިއެއްގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އޮންނެވި ހާލަތާ ގުޅޭ ގޮތުން ހިސާން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އޮންނަވާ ގޮޅިއަކީ، "ކުޑަ، ހޫނު، ވަސް ދުވާ އަދި ފަންކާއެއް ވެސް ނެތް،" ގޮޅިއެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރުގައި ހުންނެވީ ދޫނިދޫގަ އެވެ.

"އެއްވެސް އިންސާނަކާމެދު އެހާ އިންސާނިއްޔަތުކަން ކުޑަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ،" އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅު ކުރައްވައި ހިސާން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުގައި ބަހައްޓާފައިވާ ހާލާމެދު ވަކީލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މީގެ ކުރިން ވަކީލުން ނެރުނު ބަޔާނެއްގައި އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރިއިރު ވެސް އެމަނިކުފާނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.