ހަބަރު

ސުޕްރީމް ކޯޓަށް ވަދެގަތް ސިފައިންނާއި ފުލުހުން ޖަލަށްލާން ހުކުމްކުރި

ސުޕްރީމް ކޯޓަށް ވަތް ސިފައިންނާއި ފުލުހުން 15 ދުވަހަށް ޖަލަށްލާން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ ވަގުތު ހުކުމް ކުރެއްވި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެއްވެސް ހުއްދައެއް ވެސް ހޯދުމަކާ ނުލާ ކަމަށެވެ. އަދި ދޮރުތައް ހަލާކުކޮށް، އުއްތަމަ ފަނޑިޔާރުގެ ހަށިކޮޅަށް އަތްލި ކަމަށް ވެސް ބުނެފައިވެ އެވެ.

"އުއްތަމަ ފަނޑިޔާރު ބިން މައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫއަށް ބަދަލުކުރީ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެހެންވެ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަން ސިފައިންނާއި ފުލުހުން ކޮށްފައިވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.

ސަރުކާރުން އުއްތަމަ ފަނޑިޔާރަށް ކުރައްވާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށާއި އެފަދަ ސަބަބުތަކަކަށްޓަކައި ގާނޫނާ ހިލާފަށް އެއް ބާރުގެ އެންމެ އިސްވެރިޔާ ހައްޔަރުގައި ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ މުހިންމު މާއްދާތަކެއް ހިފެހެއްޓި އެވެ.