ސިފައިންނާއި ފުލުހުންގެ ތެރެއިން 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިވަގުތު ސްރީލަންކާ ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ ފަރާތްތައް ސިފައިންނާއި ފުލުހުންގެ ތެރެއިން 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ބައެއް މީހުން ވަނީ މުއާސަލާތީ ހިދުމަތްތައް ނުލިބޭ ގޮތަށް މަރުކަޒުތަކުގައި ބަންދުކޮށްފައި ކަމަށެވެ.
އޭގެ އިތުރުން ފުލުހުންގެ އިސް ފަރާތްތައް ވަނީ ދޫނިދޫގައި ހައްޔަރުކޮށްފައި ކަމަށާއި މިއީ ކަންބޮޑުވާ ކަމެއްކަމަށް ރައީސްް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު މިދިޔަ ދުވަސްތަކުގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރަކާއި އިތުރު ފުލުހަކު ވަނީ މާލެއިން ހައްޔަރުކޮށްފަ އެވެ. އަދި މާލެއިން ސިފައިންގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވަނީ އަޑުފެތުރިފައިވާއިރު އއ. ރަސްދޫ އިން ހަތަރު ފުލުހަކު ހައްޔަރު ކުރި ކަމަށް ވެސް ވެއެވެ.
ފުލުހުންނާއި ސިފައިން ބަންދު ކުރާ މައްސަލާގައި މިހާތަނަށް އެ މުއައްސަސާތަކުގެ އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އަޑުފެތުރިފައި ވަނީ އެ މީހުން ހައްޔަރު ކުރީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅުން މައްސަލައެއްގަ އެވެ.