ހަބަރު

އުއްތަމަ ފަނޑިޔާރު ބިން މައްޗަށް ވައްޓާލައި، ދަމާ ކޫއްތި: ވަކީލުން

  • ވަދެ ގަތް ސިފައިންނަށް ހުކުމް ކުރެއްވި
  • ހައްޔަރުކުރީ ގާނޫނާ ހިލާފަށް
  • ތުހުމަތުތަކަށް އިންކާރު ކުރައްވާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރީ އެމަނިކުފާނު ބިން މައްޗަށް ވައްޓާލައި، ބިން މަތީގައި ދަމާ ކޫއްތައިގެން ކަމަށް ވަކީލުން ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ގިނަ ހައްގުތަކަކުން އެކަހެރިކޮށްފައިވަނިކޮށް އެމަނިކުފާނުގެ ވަކީލުން މިރޭ ނެރުއްވި ނޫސް ބަޔާނުގައި ވަނީ އެމަނިކުފާނު ހައްޔަރުކުރުމުގައި ސިފައިންނާއި ފުލުހުން އަމަލުކުރި ގޮތުގެ ތަފްސީލްތައް ކިޔައިދެއްވާފަ އެވެ.

އެގޮތުން ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެއްވެސް ހުއްދައެއް ވެސް ހޯދުމަކާ ނުލާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ދޮރުތައް ހަލާކުކޮށް، އުއްތަމަ ފަނޑިޔާރުގެ ހަށިކޮޅަށް އަތްލި ކަމަށް ވެސް ބުނެފައިވެ އެވެ.

"އުއްތަމަ ފަނޑިޔާރު ބިން މައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫއަށް ބަދަލުކުރީ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަން ސިފައިންނާއި ފުލުހުން ކޮށްފައިވަނީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާ ކަނޑައެޅިގެން ހިލާފުވާ ގޮތަށް އަދި ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.

ސަރުކާރުން އުއްތަމަ ފަނޑިޔާރަށް ކުރައްވާ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި އެ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށާއި އެފަދަ ސަބަބުތަކަކަށްޓަކައި ގާނޫނާ ހިލާފަށް އެއް ބާރުގެ އެންމެ އިސްވެރިޔާ ހައްޔަރުގައި ބެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓު ތެރެއަަށް ވަދެ ގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ ހުކުމް އެމަނިކުފާނު ކުރެއްވީ ސިފައިންނާއި ފުލުހުން ކޯޓަށް ވަދެގަތް ވަގުތުގަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގައި ފައިސާ ހިފުމާއެކު ވަކި ގޮތަކަށް ހުކުމްތައް ނެރުމާއި ގާނޫނީ ވަރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރުމާއި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގަން ހުރަސް އެޅުން ފަދަ ކަންކަން ހިމެނެ އެވެ. އޭނާގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ބުންޏެވެ. އިތުރަށް ބުނީ މިކަމާ ގުޅޭ އެތައް މިލިއަން ޑޮލަރާއި ފައިސާގެ ޓްރާންސެކްޝްންތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅުން ހުރި އިތުރު މައުލޫމާތާއި ހެކިވެސް ލިބެމުން އަންނަ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ މުހިންމު މާއްދާތަކެއް ހިފެހެއްޓި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ. އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް އެއްވެސް ވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.