ވިޔަފާރި

އަންހެނުންނަށް 20 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

  • ލޯނު ދެނީ 100،000ރ. އާ ހަމައަށް
  • ލޯނު ދައްކަން އަށް އަހަރުގެ މުއްދަތެއް
  • މި ލޯނުދެނީ ނުވަ ޕަސެންޓުގެ އިންޓަރެސްޓުގައި

އަންހެން ކަނބަލުންނަށް 20 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން، ހާއްސަ ލޯނު ސްކީމެއް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ "ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް" އަކީ މުޅި ރާއްޖޭގައި ތިބި އަންހެނުންނަށް ހާއްސަ ސްކީމެއް ކަމަށެވެ.

"މިސްކީމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި އަންހެނުންނަށްވެސް ލޯނު ނެގޭނެ. އެކަމަށް ޖެހެނީ ޕްރޮޕޯސަލެއް ލާން،" އާދަމް ވިދާޅުވި އެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ފެށި މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާ އެވެ. އަދި މި ލޯނު ދޫކުރަނީ 50،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށެވެ. މި ލޯނު ސްކީމު ލޯނު އަދަދު 50,000ރުފިޔާ އަށް ވުރެ ދަށްނަމަ ރަހުނެއް ބޭނުމެއް ނުވެ އެވެ. އަދި 50،000ރ. އަށްވުރެ މަތީ އަދަދުތަކުން ލޯނު ނަގާނަމަ 130 ޕަސެންޓާ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ.

މި ލޯން ސްކީމްގައި އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރަކީ، ހުށަހަޅާ މުޅި ޕްރޮޖެކްޓްގެ (ފަނަރަ އިންސައްތަ) އަށްވާ އަދަދެވެ. މިގޮތުން، މިހާތަނަށް ޕްރޮޖެކްޓަށް، އަމިއްލަ ފައިސާ ހަރަދުކޮށްފައިވާނަމަ، އަމިއްލަ އަށް ކޮށްފައިވާ ހަރަދުތަކުގެ އިންވޮއިސް އަދި ބިލުތައް ހުށަހަޅަންޖެހޭނެ އެވެ

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު އާދަމް ވިދާޅުވީ ލޯނު ނެގޭނެ އެންމެ ބޮޑު އަދަދަކީ އެއްލައްކަ ކަމަށް ހަމަޖެއްސީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި މި ލޯނު މިހާރު ވިޔަފާރިކުރާ މީހުންނާއި އަލަށް ފަށާ މީހުންނަށް ވެސް ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ހިސާބުތަކަށް އަޅުގަނޑުމެން ކުރި ދަތުރުތަކުގައި ލިބުނު މައުލޫމާތުގެ މައްޗަށް ބަލާފަ މިގޮތަށް ހަމަޖެއްސީ. އަޅުގަނޑުމެން ލަފާކުރަނީ މިވަރަށް ދޫކުރުމުން 200 އެއްހާ މީހުންނަށް ލޯނު ދެވޭނެ ކަމަށް،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އަޅުގަނޑުމެން ކުރި ދަތުރުތަކުގައި ލިބުނު މައުލޫމާތުގެ މައްޗަށް ބަލާފަ މިގޮތަށް ހަމަޖެއްސީ. އަޅުގަނޑުމެން ލަފާކުރަނީ މިވަރަށް ދޫކުރުމުން 200 އެއްހާ މީހުންނަށް ލޯނު ދެވޭނެ ކަމަށް
ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު

ކަނބަލުންގެ މި ލޯނު ސްކީމުން ލޯނު ދޫކުރާނީ ނުވަ ޕަސެންޓުގެ އިންޓްރެސްޓުގަ އެވެ. އަދި ލޯނު އަދާކުރަން އަށް އަހަރު ލިބޭއިރު ގްރޭސްޕީރިއަޑްގެ ގޮތުގެ އެއް އަހަރު ލިބެ އެވެ. އަދި މި ލޯނު ދެނީ އެކަމަށް ހާއްސަކޮށް ޕްރޮޕޯސަލެއް ލުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އަންހެނުންގެ ލޯން ޕްރޮގްރާމް އެޕްލިކޭޝަން ފޯމް ބަލައި ގަންނާނީ، މި މިނިސްޓްރީއިންނާއި ބިޒްނަސް ސެންޓަރު ތަކުން މިމަހުގެ 25 ފެބްރުއަރީއިން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.