ހަބަރު

ނޫސްވެރިންގެ ރައްކާތެރިކަމަށް އެމްއެމްސީއިން ފިޔަވަޅުތައް އަޅަނީ

ނޫސްވެރިންނަށް އަނިޔާ ލިބުން ހުއްޓުވުމަށް ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުމްސިލް، އެމްއެމްސީއިން ފަށާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މީޑިއާތައް ތަމްސީލްކުރާ މެންބަރުންނާއި އާންމު މެންބަރުން ތިއްބަވާ އެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ރޭ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ކުރިމަތިވި ހަމަލާތަކާ ގުޅިގެން ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން އެމްއެމްސީއިން ބުނީ، އެކިއެކި މުޒާހަރާތައް ކަވާ ކުރުމަށްޓަކައި ނުކުންނަ ނޫސްވެރިންނަށް ކުރިމަތިވާ ކަންތައްތަކަށް ހެއްލެއް ހޯދުމަށް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ރޭ ނޫސްވެރިންނަށް ލިބުނު ފަދަ އަނިޔާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ބައްދަލުވުމުގައި ކަންތައްތަކެއް ނިންމާފައިވާ ކަމަށް އެމްއެމްސީއިން ބުންޏެވެ. ނަމަވެސް އެއީ ކޮން ކަންތައްތަކެއް ހާމަކޮށްފައެއް ނުވެ އެވެ. ބުނެފައިވަނީ، އެ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. ކައުންސިލްގެ ނިންމުންތައް ބިނާވެފައިވަނީ ކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާ ބެހޭ އެހެން މުއައްސަސާތަކާއި މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމުގެ މައްޗަށް ކަމަށް ވެސް އެމްއެމްސީއިން ބުންޏެވެ.

ރޭ އެއްވުން ކަވާކުރަން އުޅުނު ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އަޅައި ނޫސްވެރިން ގަދަކަމުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ގިނަ ނޫސްވެރިންތަކަށް އަނިޔާވި އެވެ. ބައެއް ނޫސްވެރިންނަށް އޭޑީކޭގައި ވަގުތުން ފަރުވާދިނެވެ. ދެ ނޫސްވެރިޔަކު ހައްޔަރުކޮށް ދޫކޮށްލި އެވެ. ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަންގެ ހާލު ސީރިއަސްވެ، ރޭ ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. އެމްއެމްސީއިން ރޭ ވަނީ އަނިޔާވި ނޫސްވެރިންގެ ހާލު ވެސް ބަލާފަ އެވެ.