ހަބަރު

އިމްރާން ދޫކޮށްލަން 40 އިލްމްވެރިޔަކު ގޮވާލައްވައިފި

Feb 21, 2018
9

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދޫކޮށްލުމަށް 40 އިލްމްވެރިޔަކު ގޮވާލައްވައިފި އެވެ. އެގޮތަށް އިލްމްވެރިން ގޮވާލެއްވީ 40 އިލްމްވެރިން ސޮއިކުރައްވާ ނެރުނު ބަޔާނެއްގަ އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އިސްވެ ހުންނަވައިގެން ނެރެއްވި ބަޔާނުގައި ވަނީ އިމްރާންގެ މައްޗަށް އިއްވި ހުކުމްގައި ހުރި ކަމަށް އެ ބޭފުޅުންނަށް ފެންނަ ގިނަ މައްސަލަތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން ބަޔާނުގައި ބުނެފައިވަނީ ޖިނާއީ ދައުވާއެއް ކުރުމާއި ޝަރީއަތް ހިންގުމުގައި އަސާސީ މިންގަަނޑުތަކާ އަރައިރުންވާ ކަންކަން އިމްރާންގެ މައްސަލާގައި އެބަހުރި ކަމަށެވެ.

އިމްރާންގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި ސިއްރު ހެކިންތަކެއްގެ މައްޗަށް ބިނާކޮށްކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތު ކުރަން އޮންނަ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް އެކަންކަން ނުފެތޭ ކަމަށެވެ. އިމްރާނުގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ އިސްލާމީ ޝަރީއަތުގެ މިންގަނޑާ އެއްގޮތަށް ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އޭގެއިތުރުން އިމްރާން ހަމަނުޖެހުމަށް ހިތްވަރު ދެއްވިކަން ހާމަކުރުމަށްޓަކައި އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ނުރަނގަޅު ތައުވީލުތައް އުފައްދައިގެން ހުށަހަޅާފައިވާ ކަމާއި ސާފު ސަރީހަ އިބާރާތުން ތަކުރާރުކޮށް ހަމަޖެހުމާއި ސުލްހަވެރިކަމާއި އަމާންކަން ނަގާނުލުމަށް އެތައް ފަހަރެއްގެ މަތީން ގޮވާލާފައިވާ ގޮވާލުމަށް ރިއާޔަތް ކޮށްފައި ނުވާކަން އިލްމްވެރިން ފާހަގަކޮށްފައިވެ އެވެ.

އިލްމްވެރިންގެ ބަޔާނުގައި އިމްރާނަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފައިވެ އެވެ. ބުނެފައިވަނީ އިމްރާން ސިޔާސީ ދާއިރާގައި ހޭދަކުރެއްވި 12 ވަރަކަށް އަހަރު ވެސް މަސައްކަތް ކުރައްވާފައިވަނީ ހިންމަތާއެކު ކަމަށެވެ. މިހާރު ވެސް ކުރައްވަމުން ގެންދަވަނީ ހިކުމަތްތެރިކަމާއެކު އިސްލާމްދީނާއި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކުރެއްވުމަށްޓަކާ ކަމަށެވެ.

މޭޑޭގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް 12 އަހަރަށް ޖަލަށް ލާފައިވާ އިމްރާން ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ގޮވާލާފަ އެވެ.