ފޮރިން މިނިސްޓްރީ

މިނިސްޓަރު ޒަމީރު ސައުދީއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު މޫސާ ޒަމީރުގެ މި ދަތުރުފުޅުގައި ކޮންފަރެންސްގެ ތެރެއިން ބޭރުގެ ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ ބައްދަލުކުރައްވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ އެވެ.

އެ ގޮތުން ސަރުކާރުތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިންގެ އިތުރުން ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެ އެވެ.